17 Jan 2016, 08:57
މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނީ ޑިއޯލް އަށް މި އަހަރަކީ ހިތާމަވެރި އަހަރެކެވެ. އޭނާގެ ފިރިމީހާ ރީނީ އެންޖެލިލް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކެންސަރު ބަލީގައި މަރުވެފަ އެވެ.
ރީނީ މަރުވެފައި ވަނީ ކަރަށް ކެންސަރު ޖެހިގެންނެވެ. އޭނާ މަރުވީ 74 ވަނަ އުފަން ދުވަސް އަންނަން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. އެ ހިތާމައިން ސެލީނީ އާއި އޭނާގެ އާއިލާ އަރައި ނުގަނެވިގެން އުޅެނިކޮށް ސެލީނީގެ 59 އަހަރުގެ ބޭބެ ޑެނިއަލް ޑިއޯން ވެސް ވަނީ ކެންސަރު ބަލީގައި އިއްޔެގެ ވަގުތެއްގައި މަރުވެފަ އެވެ.
ސެލީނީގެ ދައްތަ ކްލައުޑެޓު ދަ ޖާނަލް މޮންޓްރިއަލް، ކުރިން ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ބޭބެ ޑެނިއެލް އަށް ދިރިއުޅެން މިހާރު އޮތީ ވަރަށް މަދު ވަގުތު ކޮޅެއް ކަމަށެވެ.
"ސެލީނީގެ ފިރިމީހާ ގޮތަށް ޑެނިއެލް އަށް ވެސް ވަނީ ކެންސަރު ޖެހިފައި. އޭނާގެ ކަރާއި ސިކުންޑި އަދި ދުލަށް ވެސް ވަނީ ކެންސަރު ޖެހިފައި"، ކްލައުޑެޓު ބުންޏެވެ.
ޑެނިއެލް މަރުވާން ކައިރިވެއްޖެ ކަން މިދިޔަ ބުރާސްފަތި ދުވަހު ޑޮކްޓަރުން ހާމަ ކުރުމާ އެކު، އޭނާގެ އާއިލާ މީހުންނާއި 88 އަހަރުގެ މަންމަ ވެސް ވަނީ ޑެނިއެލް އާ އެކު ވަގުތު ހޭދަ ކޮށްފަ އެވެ.
ޑެނިއެލް އަދި ސެލީނީ އާ އެކު އެއާއިލާގައި އެއްބަނޑު އެއްބަފާ 14 މީހުން ތިބެއެވެ. ސެލީނީ އަކީ އެ 14 މީހުންގެ ތެރެއިން އެންމެ ހަގު މީހާއެވެ. އަދި ޑެނިއެލް އަކީ އަށް ވަނަ އަށް އެންމެ ދޮށީ މީހާއެވެ.
މައުލޫމާތު: ބީބީސީ