ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅުތަކުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވި މީހުންނަށް ދޭން ޖެހޭ ފީ އަތޮޅު އޮފީހުގެ ނަމުގައި ހުރި އެކައުންޓުތަކަށް ޖަމާކޮށްފައި ހުރުމުން އަދި ވެސް ބައެއް އޮފިޝަލުންނަށް ފައިސާ ނުލިބިވާ ކަމަށް އެ އޮފިޝަލުން ބުނެފި އެވެ.

ދ. އަތޮޅުގައި މަސައްކަތް ކުރި އިލެކްޝަންސްގެ އޮފިޝަލަކު ނަން ހާމަކުރުމަށް އުޒުރުވެރިވެ، މިއަދު ބުނީ މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހު ބޭއްވި އިންތިހާބުގައި މަސައްކަތް ކުރުމުން ދޭން ޖެހޭ ފައިސާ މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އަދި އޭނާ ބުނީ އެ އަތޮޅުގެ އެއްވެސް މީހަކަށް އިލެކްޝަންސް އިން ދޭން ޖެހޭ ފައިސާ ލިބިފައިނުވާ ކަމަށެވެ. އެކަމަކު ފައިސާ ލިބިފައިނުވަނީ ކީއްވެގެން ކަމެއް އޭނާ އަކަށް ނޭނގެ އެވެ.

"ކުރިން އިންތިހާބުތަކުގައި ވެސް އަޅުގަނޑު އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރިން އޭރު ވަރަށް އަވަހަށް ފައިސާ ލިބުނު. އެކަމަކު މިފަހަރު އަދި ވެސް މިއުޅެނީ އެންމެ ރުފިޔާއެއް ވެސް ނުލިބިގެން،" އޭނާ ބުންޏެވެ.
އިލެކްޝަންސްގެ ޑެޕިއުޓީ ޑިރެކްޓަރު އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ އަތޮޅުތަކުގައި މަސައްކަތް ކުރި އެ ކޮމިޝަނުގެ އޮފިޝަލުންނަށް ފައިސާ ދިނުމަށްޓަކައި އަތޮޅު އޮފީހުގެ އެކައުންޓަށް ޖަމާކޮށްފައިވާނެ ކަމަށެވެ. ހަބީބް ވިދާޅުވީ އަތޮޅު އޮފީހުގެ އެކައުންޓަށް ފައިސާ ޖަމާ ކުރީ އެއިރު އަތޮޅު ކައުންސިލްގެ ނަމުގައި އެކައުންޓު ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ކޮމިޝަނުން ފައިސާއެއް ދޭން ޖެހޭ ފަރާތެއްވާ ނަމަ އަވަހަށް އެ ފަރާތަކަށް އެ ފައިސާއެއް ދިނުމަށް. އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކުރަން ޖެހޭ ކަމެއް ނުކުރެވިގެން މިހާރު ވެސް އެބޭފުޅުންނަށް ފައިސާ ނުލިބިއެއްނުވާނެ. އަޅުގަނޑުމެން ވާނީ އެ ފައިސާ އަތޮޅު އޮފީހުގެ އެކައުންޓުތަކަށް ޖަމާކޮށްފައި،" ހަބީބް ވިދާޅުވި އެވެ.

ދ. އަތޮޅު ކައުންސިލް އިދާރާގެ މެންބަރު ހަމްދީ އަބްދުﷲ ވިދާޅުވީ އިލެކްޝަންސްގެ ފަރާތުން އަތޮޅު އޮފީހުގެ ނަމުގައި އޮތް އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އެކަމަކު މާޗް މަހު ސަރުކާރުން އަތޮޅު އޮފީސްތަކުގެ ނަންމަތީގައި ހުރި އެކައުންޓުތައް ބަންދު ކުރުމުން އެ ފައިސާ އިލެކްޝަންސްގެ އޮފިޝަލުންނާ ހަވާލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ވަގުތު ވެސް އަޅުގަނޑުމެން ގައުމީ އިދާރާއާ ގުޅިގެން މި މަސައްކަތް ކުރަނީ ކައުންސިލް އިދާރާގެ އެކައުންޓަށް އެ ފައިސާ ޖަމާކުރަން. އެކަމަކު އަދި މިއުޅެނީ އެކަން ނުވެގެން. އަޅުގަނޑުމެންނަކަށް ބަންދުކޮށްފައި ހުރި އެކައުންޓެއްގެ ފައިސާއެއް އަމިއްލައަކަށް ނުނެގޭނެ،" ހަމްދީ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު ވިދާޅުވީ އިލެކްޝަންސް އިން ޖަމާކޮށްފައިވާ ފައިސާ އެ ކޮމިޝަނުން ރެފާ ކުރުމުން އަތޮޅު ކައުންސިލްގެ އިދާރާގެ އެކައުންޓަށް ޖަމާ ކޮށްދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި އަތޮޅު އޮފީސްތަކަށް ދޭން ޖެހޭ ކަމަށް ބުނާ ފައިސާ އަތޮޅު ކައުންސިލްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާނެ ކަމަށެވެ.