ދެކުނު އޭޝިއާ ސަރަހައްދުގައި ވައި ނުސާފުވާއިރު އުފެދޭ ކަޅުކުލައިގެ ވިލަޔާއި މުށިކުލައިގެ ވިލާގައި އެކުލެވޭ ބައިތައް ބެލުމަށް ރާއްޖޭގައި ދިރާސާއެއް ފަށައިފި އެވެ.

ހދ. ހަނިމާދޫގައި ހުންނަ މޯލްޑިވްސް ކްލައިމެޓް އޮބްޒަވޭޓްރީގައި ކުރިއަށް ގެންދާ އެ ދިރާސާގެ މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސިވިލާތުގެ ސްޓޮކްހޯމް ޔުނިވާސިޓީ އާއި ފިންލޭންޑްގެ ފިނިޝް މީޓިއޮރޮލޮޖީ އިންސްޓިޓިއުޓްގެ ސައިންސްވެރިންނާ ގުޅިގެން ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަވިސް އާއި ބަންގްލަދޭޝްގެ ޔުނިވާސިޓީ އޮފް ޑާކާ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އިން ވެސް އެ ދިރާސާގައި ބައިވެރިވެ އެވެ.

ދިރާސާގައި ބަލާނީ ދެކުނު އޭޝިއާ ސަރަހައްދުގައި ވައި ނުސާފުވާއިރު، އުފެދޭ ކަޅު ވިލަޔާއި މުށިވިލާގައި އެކުލެވޭ ބްލެކް ކާބަން އެރޮސޯލްއާއި ބްލެކް ކާބަން އެރޮސޯލްސްގައި އެކުލެވެނީ ކޮން ބައިތަކެއްތޯ އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ އެ ދިރާސާއަށް ބޭނުންވާ އާލާތްތަކާއި ކެމިކަލްތައް ހަނިމާދޫގައި ހުންނަ އޮބްޒަވޭޓްރީއަށް ދުރާލައި ގެނެސްފައިވާ ކަމަށެވެ. އެއޮބްޒަވޭޓްރީގައި މިފަދަ ބައެއް ދިރާސާތައް ކުރިން ވެސް ކޮށްފައިވެ އެވެ.