އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އިން އިންޑޮނޭޝިއާ އަށް ދިން ނުރައްކާތެރި ހަމަލާތަކަށް ފަހު، ހައްދުފަހަނާއަޅާފައިވާ ވިސްނުމާއި ފިކުރު ޝާއިއުކުރާ 11 ވެބްސައިޓަކާއި ބައެއް ސޯޝަލް މީޑިއާ އެކައުންޓްތައް އެގައުމުގެ ސަރުކާރުން ބްލޮކްކޮށްފި އެވެ.

އިންޑޮނޭޝިއާގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުން، މިދިޔަ ހޮނިހިރު ދުވަހު ޖަކާޓާގެ ހަ ސަރަހައްދަކަށް ދިން ބޮމާ ބަޑީގެ ހަމަލާތަކަށް ތާއީދުކޮށް ވާހަކަދައްކާފައިވާ ގިނަ އަދަދެއްގެ ފޭސްބުކް އެކައުންޓްތަކެއް ވަނީ ފެނިފަ އެވެ.

"އާއްމުންގެ ފަރާތުން ލިބޭ ޝަކުވާތަކާއި ގިނަ ވެބްސައިޓްތަކެއް އަހަރެމެން މިދަނީ މޮނީޓާކުރަމުން،" އިންޑޮނޭޝިއާގެ ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް އޮފިޝަލު، އިސްމާއިލް ކަވިދު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ ހައްދުފަހަނާއަޅާފައިވާ ޝުއޫރުތަކާ އެކައުންޓްތައް ވަގުތުން ބްލޮކް ކޮށްދިނުމަށް އެދި، ފޭސްބުކާއި ޓުވިޓާ އަދި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ ކުންފުނިތަކަށް ސިޓީ ފޮނުވާފަ އެވެ.

ޖަކާޓާއަށް ދިން ހަމަލާގައި ހަތް މީހަކު މަރުވެފައިވާ އިރު، 30 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޒަހަމްވެފަ އެވެ. ހަމަލާތަކަށް ފަހު އައިއެސް އިން އޮންލައިންކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޖަކާޓާގައި ހަމަލާތަކެއް ދީފައިވަނީ، "ހިލާފަތުގެ ހަނގުރާމަވެރިން" ކަމަށެވެ.

ޖަކާޓާގެ ފުލުހުން ވަނީ، އެ ހަމަލާ ރޭވުމުގައި އައިއެސްއާއެކު ސީރިޔާގައި ހަނގުރާމަކުރާ އިންޑޮނޭޝިޔާގެ ރައްޔިތަކު ބައިވެރިވެފައިވާކަން ތުހުމަތުކޮށްފަ އެވެ. އަދި އައިއެސްއާ މެދު އޭނާ ދެކޭ ގޮތް ހާމަކުރުމަށް ފުޅާދާއިރާއެއްގައި ސޯޝަލް މީޑިއާ ބޭނުންކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުން، އިސްލާމީ ދުނިޔޭގައި މުސްލިމުންގެ އަދަދު އެންމެ ގިނަ އެގައުމުގައި އައިއެސް އަށް ތާއީދުކުރާ ގާތްގަނޑަކަށް 1000 މީހުން އުޅެ އެވެ.

މައުލޫމާތު: ރޮއިޓާސް