ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މެޑަމް ފާތުން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އެކަމަނާ އަށް ފަރުވާދެނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ކޮމެޓެއް ނުކުރި އެވެ. ނަމަވެސް ފަސްޓް ލޭޑީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދިންކަން އެ ހޮސްޕިޓަލުން ސަން އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިން ދަތުރުފުޅު ކުރައްވަމުން ދަނިކޮށް ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގައި އެކަމަނާގެ މައިބަދައިގެ ހަތަރު ތަނަކުން ރެނދުލާފައިވާތީ ގިނަ ދުވަސްތަކެއްވަންދެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން އެކަމަނާ އަށް މީގެ ކުރިން ވެސް ވަނީ ފަރުވާދީފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބީބު ވިދާޅުވީ މެޑަމް ފާތުންގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނީ ރައީސް އޮފީހުން ކަމަށެވެ.