ލަގާން، ސުވަދޭސް ފަދަ ފިލްމުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބޮލީވުޑްގެ މަޝްހޫރު ތަރި ރާޖޭޝް ވިވެކް މަރުވެއްޖެ އެވެ.

އޭނާ މަރުވި އިރު އުމުރަކީ 66 އެވެ.

ރާޖޭޝްގެ ރަހުމަތްތެރިއަކާ ހަވާލާދީ ނޫސްތަކުން ބުނީ، އޭނާ މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފިލްމަކަށް ޝޫޓު ކުރަން އުޅުމުގެ ތެރެއިން، ހާޓު އެޓޭކެއް ޖެހިގެންނެވެ.

"އޭނާ މަރުވީ ހައިދަރުއާބާދުގައި ސައުތު އިންޑިއަން ފިލްމަށް ޝޫޓު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ހާޓުއެޓޭކެއް ޖެހިގެން"، ވިޝްނޫ ޝަރުމާ އާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

ނަވާރަސަތޭކަ ހަތްދިހަ އަށްވަނަ އަހަރު "ޖުނޫން" ނަމަކަށް ކިޔާ ފިލްމަކުން ފިލްމީ ދުނިޔެއަށް ތައާރަފުވި ރާޖޭޝް ވަނީ ވިލަން އެއްގެ އިތުރުން ކޮމީޑިއެން އެއްގެ ގޮތުގައި ވެސް ފިލްމުތަކުގައި ހަރަކާތްތެރި ވެފަ އެވެ.

އޭނާ ފަހުގެ ތާރީހެއްގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި، ބަންޓީ އޯރް ބަބްލީ، ބޫތު އަންކަލް، އަގްނީޕަތު ފަދަ ފިލްމުތައް ފާހަގަކޮށް ލެވެ އެވެ.