16 Jan 2016, 12:43
ބްރޯޝިޔާ ޑޯޓްމަންޑްގެ ކޯޗުކަމުގައި ހުރި ދުވަސްވަރު މެންޗަސްޓާ ޔުނައިޓެޑްގެ ކޯޗުން ހުށަހެޅި ކަމަށް ޔޫގެން ކްލޮޕް ބުނެފި އެވެ.
މިހާރު ލިވަޕޫލްގެ ކޯޗުގެ މަގާމުގައި ހުރި ކްލޮޕް ބުނީ ޔުނައިޓެޑްގެ ކޯޗު ކަމުން އެ ކްލަބުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ވަކިވާން ނިންމި ހިސާބުން ފެށިގެން ޔުނައިޓެޑުން ތަފާތު އެކި ފަހަރު މަތިން ހުށަހެޅެންތަކެއް ހުށަހެޅި ކަމަށާއި ނަމަވެސް އޭނާ ޑޮޓްމަންޑްގެ ކޯޗުކަން ދޫކޮށްލަން އޭރު ބޭނުން ނުވުމުން ޔުނައިޓެޑްގެ އެ ހުށަހެޅުމަށް ނޫނެކޭ ބުނީ ކަމަށެވެ.
"އަހަރެން ދިޔައީ ޑޮޓްމަންޑްގައި މަސަތްކަތްތެއް ކުރަމުން. އަހަރެންގެ އެދުމުގެ މަތިން ގިނަ ކުޅުންތެރިންތަކެއް ވެސް ގެނައި. އެ ފަދަ ދަނޑިވަޅެއްގައި އަހަރެން ޓީމް ދޫކޮށް ދިޔައީމާ އެ ކުޅުންތެރިން ވެސް ހިތްހަމައެއް ނުޖެހޭނެ. ޓީމަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ އޭނާ ޑޮޓްމަންޑްގައި މަޑުކުރީ އެ ކްލަބާ އެކު ފަށާފައިވާ މަސަތްކަތް ނިންމުމަށް ކަމަށާއި އެއިރެއްގައި ހުރި ކޮންމެ ކްލަބަކަށް ވެސް އޭނާ ވަފާތެރި ވާނެ ކަމަށެވެ.
"ބައެއް ފަހަރު ޖެހޭނެ އެމީހަކު ބޭނުންނުވާ ޑިޝިސަންތައް ވެސް ނަގަން. އަހަރެން ޔުނައިޓެޑަށް ނުދިއުމުން ފާޑު ކިޔުންތައް ވެސް އަމާޒު ވާނެކަން އިނގޭ. ނަމަވެސް އެ ހުރިހާ ކަމެއް އެފަރާތް ކޮށްލާފައި އަހަރެން ނިންމީ ފުޓްބޯޅައަށް ރަނގަޅުވާނެ ނިންމުމެއް ނިއްމަން،" ކްލޮޕް ބުންޏެވެ.
ޑޯޓްމަންޑްގެ ކޯޗްކަމާ 2008 ވަނަ އަހަރު ގުޅުނު ކްލޮޕް މިދިޔަ އަހަރު އެ ޓީމް ދޫކޮށްލި އިރު އެ ޓީމަށް ބުންޑަސް ލީގާ ދެ ފަހަރު، ޖަރުމަން ކަޕް، ޖަރުމަން ސުޕާ ކަޕް އެއް ފަހަރު ވަނީ ހޯދައިދީފަ އެވެ.
ޔުނައިޓެޑާ ގުޅޭ ގޮތުން ކްލޮޕް ވަހާކަ ދައްކާފައިވާ އިރު ޕްރިމިއާ ލީގްގައި މާދަމާ ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލްއިން ނިކުންނާނެ އެވެ. އެ މެޗަށް ނިކުންނަ އިރު ޔުނައިޓެޑުން 34 ޕޮއިންޓްޓާ އެކު ހަ ވަނާގައި އޮތް އިރު ލިވަޕޫލް އިން އޮތީ 31 ޕޮއިންޓް ލިބިގެން ތާވަލުގެ ނުވަ ވަނާގަ އެވެ. އަދި ލީގްގައި މި ދެޓީމް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑުން ވަނީ ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.