މި އަހަރުގެ ޖޫން މަހު ޗައިނާގެ ކުންމިން ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ ޗައިނާ - ސައުތު އޭޝިޔާ އެކްސްޕޯގެ "ކަންޓްރީ އޮފް އޮނަސް"ގެ މަގާމް ރާއްޖެ އަށް ލިބިފައިވާ ކަމަށާއި، ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ މިފަހަރުގެ ފެއާގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމާއި އުފެއްދުންތައް އަދި ރާއްޖެ އިސްތިހާރު ކުރުމުގެ ތަފާތު ގިނަހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ފެއާގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމާއި އުފެއްދުންތަކަށް މާކެޓް ހޯދާދިނުމާއި އުފެއްދުންތައް މެކެނައިޒް ކުރެވޭނެ ވަސީލަތްތައް ހޯދުމުގެ އިތުރުން ޗައިނާގެ ވިޔަފާރިތަކާ އެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިފެއާގައި ބައިވެރިވުމުގެ މަގު ތަނަވަސްކޮށްދީ އެ ފުރުސަތު ދިވެހިންނަށް ހޯދާދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަންނަ ފެބްރުއަރީ މަހުގެ 15 ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން އެކަމަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ފެއާގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމާއި،އުސޫލުއެމިނިސްޓްރީގެ ވެބްސައިޓުން މިހާރު ލިބެން ހުރި އިރު، ފޯމާއެކު ފެއަރގައި ބައިވެރިކުރަން ބޭނުންވާ އުފެއްދުމެއްގެ ސާމްޕަލް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފެއާގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކުން ބައިވެރިކުރާ ތަކެތި މިނިސްޓްރީ އަށް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީހަކީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ 14:00 އެވެ.

އެފެއާއަކީ ޗައިނާގެ ވިޔަފާރިތަކުގެ އިތުރުން ސައުތު އޭޝިއާގެ ގިނަ ގައުމުތަކުގެ ވިޔަފާރިތައް ބައިވެރިވާ ފެއާއެކެވެ.

މިދިޔަ އަހަރުގެ ފެއާގައި ރާއްޖޭގެ ތިން ކުންފުންޏަކުން ބައިވެރިވި އެވެ.

ކުންމިން ފެއާ އަކީ އަހަރަކު އެއް ފަހަރު ބާއްވާ ފެއާ އެކެވެ. އެ ފެއާ ބޭއްވުމަށް ކުންމިން ސިޓީގައި ވަނީ ހާއްސަ ކޮންވެޝަން ސެންޓަރެއް ހަދައިފަ އެވެ.