މިހާތަނަށް ފެނިފައިވާ އެންމެ އަލިގަދަ އަދި އަޅުގަނޑުމެންގެ ސޯލާސިސްޓަމް އެކުލެވިފައިވާ މިލްކީވޭ އަށް ވުރެ 50 ގުނަ އަލިގަދަ ސުޕަނޯވާއެއް ސައިންސްވެރިންނަށް ފެނިއްޖެ އެވެ.

ސުޕަނޯވާ އަކީ ތަރިއެއް ގޮވުމަށް ކިޔާ ނަމެވެ. ތަރިއެއްގެ އެންމެ އެތެރޭގައި ހިނގާ އެ ގޮވުމުގެ ސަބަބުން އެތަރީގެ އަލިކަން ވަރަށްގަދަވެ އެވެ.

ދުނިޔޭގެ 3.8 ބިލިއަން ލައިޓްއިޔާސް ދުރުން ފެނުނު އޭއެސްއޭއެސްއެސްއެން-15އެލްއެޗްގެ ނަން ދީފައިވާ އެސުޕަނޯވާއަކީ މީގެ ކުރިން އެންމެ އަލިގަދަ ސުޕަނޯވާގެ ގޮތުގައި ފެނުނު ސުޕަނޯވާ އަށް ވުރެ އަލިކަން ދެގުނައަށް އިތުރު ސުޕަނޯވާއެކެވެ. އެއީ މުޅި މިލްކީވޭގައި ހިމެނޭ 100 ބިލިއަން ވަރަކަށް ތަރީގެ އަލިކަމަށް ވުރެ ވެސް 20 ގުނަ އަލިކަން ގަދަ މިންވަރެކެވެ.

އާދައިގެ ސުޕަނޯވާ އަކާ އަޅާބަލާ އިރު އޭއެސްއޭއެސްއެސްއެން-15އެލްއެޗްގެ އެތެރޭގެ ގޮވުން 200 ގުނަ ބާރުގަދަ އެވެ.

އޭއެސްއޭއެސްއެސްއެން-15އެލްއެޗް އިން ހަކަތަ އުފައްދާ ގޮތާއި އެ ސުޕަނޯވާއާ ބެހޭ އިތުރު ތަފްސީލު ހޯދުމަށް ޓަކައި ސައިންސުވެރިން މިހާރު ދަނީ ބާރުގަދަ ޓެލެސްކޯޕެއް ކަމަށްވާ ހަބުލް ޓެލެސްކޯޕް ބޭނުން ކުރުމަށް ތައްޔާރު ވަމުންނެވެ. އަދި އެ ސުޕަނޯވާއާ ބެހޭ އިތުރު ދިރާސާތައް ހެދުމުން ޑާކް މެޓާއާއި ޑާކްއެނާޖީއާއި ކާއިނާތު ފުޅާވުމަށް މެދުވެރިވާ ސަބަބުތަކާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް ސައިންސުވެރިން އުއްމީދު ކުރެ އެވެ. (ސައިންސްމެގަޒިން)