16 Jan 2016, 12:24
ބެއިޖިން (ޖަނަވަރީ 16) : ހަނދުގެ އަނދިރި ފަރާތަށް ފޮނުވުމަށް ޚާއްސަކޮށްގެން ތައްޔާރުކުރާ ޖައްވީ އުޅަނދެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން ޗައިނާއިން ހާމަކޮށްފި އެވެ.
ޗައިނާގެ ފަޒާއާބެހޭ އިދާރާއާ ޙަވާލާދީ އެގައުމުގެ ޒިންހުވާ ނޫސް އެޖެންސީ ޚަބަރުދޭ ގޮތުގައި "ޗީންޖް 4" ގެނަމުން ނަންދީފައިވާ މިއުޅަނދު ތައްޔާރުކޮށް ނިމޭނީ 2017 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އަދި އެ އުޅަނދު ހަނދަށް ފޮނުވޭވަރުވާނީ 2018 ވަނައަހަރުގެ ކުރީކޮޅުގަ އެވެ. އެއުޅަނދަކީ ހަނދުގެ އަނދިރިފަޅީގައި ދިރާސާތައް ކުރުމުގެ ގާބިލްކަން ލިބިފައިވާ މެޝިންތަކާ އެކު ތައްޔާރުކުރާ އުޅަނދެކެވެ.
ހަނދުގެ އަނދިރިފަޅިއަކީ ފެންނަ ފަޅިއެއްނޫނެވެ. އަދި އެފަޅިއަކީ ބިމުން ފޮނުވާ ރޭޑިޔޯވޭވްވެސް ލިބޭފަޅިއެއް ނޫން ކަމުން ޗައިނާގެ އުޅަނދު ފޮނުވަނީ ބިމުންފޮނުވާ އެނޫންވޭވްތައް ރަނގަނޅަށް ލިބޭފަދަ ސާމާނުތަކާއެގައި ކަމަށްވެ އެވެ. މިފަޅީގެ ފޮޓޯއެއް ސައެންސްވެރިން އެންމެފުރަތަމަ ނަގާފައި ވަނީ 1959 ވަނަ އަހަރުގަ އެވެ.
ހަނދަށް އެންމެ ފުރަތަމަ އުޅަނދެއް ފޮނުވާފައި ވަނީ ކުރީގެ ސޮވިއެޓް ޔުނިޔަންއިން 1967 ގަ އެވެ. އެއަށް ފަހު 1969ގައި އެމެރިކާ ވަނީ އިންސާނުން ހަނދަށް ފޮނުވިކަން އިޢްލާންކޮށްފަ އެވެ. ނަމަވެސް އިންސާނުން ހަނދަށް ފޮނުވިކަމަށް ބުނެ އެމެރިކާ ހަދާފައި ވަނީ ތެދެއްކަމާމެދު ގިނަ ބަޔަކު ޝައްކު ކުރެ އެވެ. ނަވާރަސަތޭކަ ފަސްދޮޅަސްގެ އަހަރުތަކަކީ އިންސާނުން ހަނދަށް ފޮނުވޭފަދަ ޓެކްނޮލޮޖީގެ ގާބިލްކަން އެމެރިކާއަށް ލިބިފައިވާ ދުވަސްވަރެއް ނޫންކަމަށް ގިނަ ސައެންޓިސްޓުން ބުނާއިރު އެމެރިކާއަށް ހަނދަށް ނުދެވޭކަމަށް ބުނާބުނުންތަކަށް ރައްދު ދިނުމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާވަނީ ނުކުޅެދިފަ އެވެ.
ޗައިނާ އިން ވަނީ ހަނދުގެ އަލިބަޔަށް (އިރުގެ އަލި ހަނދަށް އެޅޭބަޔަށް) ޖައްވީ އުޅަނދެއް ފޮނުވާފަ އެވެ. ޗައިނާގެ ފަޒާއާބެހޭ އިދާރާގެ ރައީސް ލިޔުޖީޒޯންގެ ވިދާޅުވާގޮތުގައި ޗައިނާގެ އަމާޒަކީ ފަޒާގެ ސައެންސާއި ޓެކްނޮލޮޖީގައި ބޮންތީގައި ހިފުމެވެ. ފަޒާގެ ސައެންސްގައި އެންމެ ބޮޑަށް ކުރިޔަށްގޮސްފައިވާ އެމެރިކާއާއި ރަޝިޔާފަދަ ގައުމުތަކެކޭ އެއްގޮތަށް އައުކަންކަން ކުރުމެވެ. އެހެން ގައުމުތަކުން ކޮށްފައިވާ ކަންތައްތަކުގެ ފަހަތުން ދިޔުމަކީ ޗައިނާ ބޭނުންވާ ގޮތްނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނދުގެ އަނދިރި ފަރާތަށް ޖައްވީ ދިރާސާތަކުގެ އުޅަނދެއް ފޮނުވުމަކީ ވެސް މިފަދަ ކަމެކެވެ. އެއަށް ފަހު ޗައިނާގެ މިސްރާބު ހުރީ ސޯލާ ސިސްޓަމުން ބޭރަށް ފޮނުވާލެވޭ ވަރުގެ ޖައްވީ އުޅަނދެއް ތައްޔާރުކުރުމެވެ. މިމަސައްކަތް މިހާރުވެސްވަނީ ފަށާފަ އެވެ.
އަނެއްކޮޅުން އެއްވެސް ގައުމަކުން ހަނދުގެ އަނދިރި ފަރާތަށް ޖައްވީއުޅަނދެއް އަދި ފޮނުވާފައެއް ނުވެ އެވެ. އެމެރިކާ އާއި އިންޑިޔާ އިން މާސްއަށް އުޅަނދުތައް ފޮނުވާއިރު ޔޫރަޕުން ވަނީ ދުންތަރިއަކަށް ޖައްވީ އުޅަނދެއް ފޮނުވާފަ އެވެ. ޗައިނާ އިން 2005 ވަނަ އަހަރުވަނީ އެގައުމުގެ އަމިއްލަ ކުންފުނިތަކަށް ވެސް ފަޒާގެ ޓެކްނޮލޮޖީގެ ދޮރު ހުޅުވާލާފަ އެވެ. މިއާއެކު ފަޒާއަށް ދަތުރުކުރާފަދަ ބާރުގަދަ ރޮކެޓްތައް އުފެއްދޭވަރުގެ ކުންފުނިތައް ޗައިނާގައި މިހާރު އެބަހުއްޓެވެ.
ދެހާސް ހަތް ވަނަ އަހަރު ޗައިނާއިންވަނީ އެތައް ސަތޭކަ ކިލޯ މީޓަރެއްގެ ދުރުގައި ފަޒާގައިވާ އެގައުމުގެ ކުރީގެ ސެޓަލައިޓެއް ބިމުން ފޮނުވާލި ސްމާޓް ރޮކެޓެއްގެ އެހީގައި ގޮއްވާލާފަ އެވެ. މިއީ ޗައިނާއިން ރޮކެޓް ސައެންސް ތަރައްގީކޮށްފައިވާ މިންވަރު އެމެރިކާއަށް ހާމަވެގެންދިޔަ ފުރަތަމަ ފަހަރެވެ. ޗައިނާގެ މިތަޖްރިބާގެ ސަބަބުން އެމެރިކާވަނީ ޗައިނާދެކެ ވަރަށްބޮޑަށް ޖެހިލުންވެފަ އެވެ. އެއީ އެމެރިކާއާއި ޗައިނާއާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ ޖައްވުގައިވާ އެމެރިކާގެ ސެޓަލައިޓްތައް ބިމުން ރޮކެޓް ފޮނުވައިގެން ގޮއްވާލުމުގެ ގާބިލްކަން ޗައިނާއަށް ލިބިފައިވާކަން އެމެރިކާއަށް އެނގުމުންނެވެ.
ޖައްވުގައިވާ އެމެރިކާގެ އަސްކަރީ އަދި މަދަނީ ސެޓަލައިޓްތައް ގޮއްވާލައިފި ނަމަ އެމެރިކާއެކޭ ދެލޯ އަނދިރިމީހެކޭ ތަފާތެއް ނޯންނާނެއެވެ. މިޒަމާނަކީ އިލެކްޓްރޯނިކް ހަނގުރާމައިގެ ޒަމާންކަމުން ސެޓަލައިޓްތައް ގޮއްވާލައިފި ނަމަ އެގައުމަކަށް ދެން ކުރެވޭނެ މާބޮޑު ކަމެއްނޯންނާނެ އެވެ. މިހާރު އެމެރިކާއަށް ޖެހިފައިވަނީ އެގައުމުގެ ސެޓްލައިޓްތައް ހިމާޔަތް ކުރާނެ ނިޒާމެއް ގާއިމް ކުރުމުގެ ދިރާސާތައް ކުރާށެވެ. މިއީ ޚަރަދުބޮޑު އަދި ޔަގީންކަން ނެތް ދިގުލީ ދިރާސާތަކެކެވެ. (ނޫސްއެޖެންސީތައް)