16 Jan 2016, 11:15
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މޯބައިލް އެޕްލިކޭޝަނުގެ އައިއޯއެސް ވާޝަން ތައާރަފްކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ އެޕްލިކޭޝަން ތައާރަފްކުރީ އެކަމަށް ޓަކައި ރޭގައި އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. "އައިސީޓީ ޓީމް ނައިޓް 2016"ގެ ނަމުގައި ބޭއްވި އެ ރަސްމިއްޔާތުގައި އެޕްލިކޭޝަންގެ އައިއޯއެސް ވާޝަން ތައާރަފްކޮށްދެއްވީ އައިޖީއެމްއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރެވެ.
އައިއޯއެސް އެޕްލިކޭޝަނަކީ ހޮސްޕިޓަލުން ހިދުމަތްހޯދާ ފަރާތްތަކަށް ފަސޭހަ އަދި އަވަސް ހިދުމަތެއް ދިނުމުގެ މަގުސަދުގައި ތައާރަފްކުރި އެޕްލިކޭޝަނެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށްދޭ ހިދުމަތްތަކަކީ އޯޕީޑީ ކިއުނަމްބަރު ނެގުމާއި އޯޕީޑީގައި ޑޮކްޓަރުން ބަލަމުން ގެންދާ ނަމްބަރު ބެލުމާއި ޑޮކްޓަރުންގެ ޑިއުޓީ ބެލުމާއި ސްޕެޝަލިސްޓުންނަށް އެޕޮއިންޓްމެންޓް ހޯދުމަށް ނަން ނޯޓްކުރުމާއި އެޕޮއިންޓްމެންޓް ސްޓޭޓަސް ބެލުމެވެ.
އެޕަލް އައިފޯނު ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށް އައިއޯއެސް އެޕްލިކޭޝަން، އައިޖީއެމްއެޗުން ތައާރަފްކޮށްފައި މިވަނީ އެންޑްރޮއިޑް އެޕްލިކޭޝަން ތައާރަފް ކުރުމަށް ފަހު އެވެ. އެހޮސްޕިޓަލުން އެންޑްރޮއިޑް އެޕްލިކޭޝަން ތައާރަފްކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ.