16 Jan 2016, 11:03
ޗައިނާ އިން އިސްނަގައިގެން އުފައްދާ އޭޝިއާ އިންފުރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) މިއަދު އިފްތިތާހުކޮށްފި އެވެ.
އޭއައިއައިބީ އަކީ ގައުމުތަކުގެ މެދުގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާ އަދި އެއް ގައުމު އަނެއް ގައުމާ ގުޅުވައިދިނުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ މަލްޓިލެޓަރަލް ޑިވެލޮޕްމެންޓް ބޭންކުތަކަށް އެހީތެރިވުމަށް 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އުފެއްދި ފައިނޭންސިންގް ބޭންކެކެވެ.
ބޭންކް އިފްތިތާހްކޮށްދެއްވީ، ޗައިނާގެ ވެރިރަށް ބެއިޖިންގައި މިހާރު ކުރިއަށްދާ ބޭންކުގެ ފުރަތަމަ ބައްދަލުވުމުގައި އެ ގައުމުގެ ރައީސް ޝީ ޖިން ޕިން އެވެ.
ބޭންކް އިފްތިތާހްކޮށްދެއްވައި ޝީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޗައިނާ އިން މި ބޭންކަށް އިތުރު 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށެވެ.
އެގޮތުން މި ބޭންކުގެ ސަބަބުން އޭޝިޔާގެ އިންފްރާސްޓްކްޗާ އަށް ކުރާ އިންވެސްޓްމެންޓްތައްވެސް އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށް ވެސް ޝީ ވަނީ ވިދާޅުވެފަ އެވެ.
ފަންސާން ބިލިއަން ޑޮލަރުގެ ކެޕިޓަލަކާ އެކު އޭއައިބީ އިން މަސައްކަތް ފަށައިގެންފައިވާ އިރު، ދިވެހިރާއްޖެ އަކީ ބޭންކުގެ ފައުންޑާ މެމްބަރެކެވެ. މިހާރު ކުރިއަށްދާ އޭއައިއައިބީގެ "އިނައުގްރަލް ބޯޑް އޮފް ގަވަނާސް މީޓިން" އަދި "އިނައުގްރަލް ބޯޑް އޮފް ޑިރެކްޓަސް މީޓިން"ގައި ދިވެހި ސަރުކާރުން އޭއައިއައިބީ އަށް ކަނޑައަޅުއްވާފައިވާ ގަވަރުނަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަނީ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އެވެ.
އޭއައިއައިބީގެ މެމްބަރަކަށް ދިވެހިރާއްޖެ ވުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރެއްވީ މިދިޔަަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ޗައިނާގެ އިސްނެގުމަކަށް އުފެއްދި އެ ބޭންކުގެ ފައުންޑަ މެންބަރުންގެ ތެރޭގައި ރާއްޖެގެ އިތުރުން 57 ގައުމު ހިމެނެ އެވެ. ބޭންކުގެ ފައުންޑާ މެމްބަރުންނަށް އެހީދިނުމުގައި ހާއްސަ އުސޫލުތަކެއް ގެންގުޅޭނެ ކަމަށް ބޭންކުން ބުނި އިރު، ރާއްޖޭން ތައްޔާރުވަމުން ދަނީ ބިޔަ ޕްރޮޖެކްޓްތައް އޭއައިއައިބީއަށް ދީލާލުމަށް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
ބޭންކް ރަސްމީކޮށް އިފްތިތާހުކުރުމާ އެކު، ބޭންކުގެ މެންބަރު ގައުމުތަކަށް ލޯނު ދޫކުރުމުގެ ގޮތުން ޕްރޮޕޯސަލްތައް ބަލައިގަތުމުގެ ކަންކަން ވަނީ ފަށައިފަ އެވެ.
އޭއައިއައިބީ އަކީ އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ވޯލްޑް ބޭންކާއި އައިއެމްއެފް އާއި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކް ފަދަ ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާ ވާދަކޮށް އެމުއައްސަސާތަކުން ދުނިޔޭގެ މާލީ ދާއިރާތަކުގައި ގެންގުޅޭ މޮނޮޕޮލީ ފުނފުނޑުކޮށްލާނެ ބޭންކެއް ކަމަށް ބެލެވޭތީ އެބޭންކް އުފެއްދުމުން އެމެރިކާ ކަންބޮޑުވާ ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ.