ވަގަޑޫގޫ (ޖެނުއަރީ 16): ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބަކީނާ ފާސޯގެ ވެރިރަށް ވަގަޑޫގޫގައި ހުންނަ ހޮޓަލަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ހަމަލާދީ 20 މީހަކު މަރާލައިފި އެވެ.

މަންޒަރު ދުށް ބަޔަކު ބުނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އެންމެ ފުރަތަމަ ހަމަލާ ދިނީ "ސްޕްލެންޑިޑް" ނަމަކަށް ކިޔާ އެހޮޓަލުގެ ކައިރީ ހުރި ރެސްޓޯރެންޓަކަށް ކަމަށެވެ. އޭގެ ފަހުން ހޮޓަލުގެ ބޭރުގައި ކާރު ބޮމެއް ގޮއްވާލުމަށް ފަހު ހޮޓަލަށް ވަދެ، ބަޑިން ހަމަލާދީ ބައެއް މީހުން ރަހީނުކުރިކަމަށެވެ.

ހަމަލާ ދިން ވަގުތު ހޮޓަލުގައި 100 ނުވަތަ 150 ވަރަކަށް މީހުން ތިބި ކަމަށް ލަފާ ކުރެވެ އެވެ.

އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ގެންދިޔަ ހޮސްޕިޓަލުގެ އިސްވެރިޔާ ވިދާޅުވީ މަރުވި މީހުންގެ އަދަދު 20ށް އަރާކަމަށް ލަފާކުރެވޭ ކަމަށެވެ.

"މަރުވި މީހުންގެ އަދަދު އަދި ޔަގީންކޮށް ނޭނގެ. ނަމަވެސް، މަދުވެގެން 20 މީހަކު މަރުވި. އަދި ވަޒަން އެރުމުގެ ސަބަބުންނާއި، [ހަތިޔާރު އެޅި މީހުންގެ ފަރާތުން] ސަލާމަތްވާން އުޅުމުގެ ތެރޭގައި އަނިޔާވެފައި ތިބި 15 މީހަކު އެބަތިބި،" ހޮސްޕިޓަލުގެ އިސްވެރިޔާ ވިދާޅުވި އެވެ.

ރަހީނު ކުރި މީހުންގެ ތެރެއިން 33 މީހަކު މިހާރު ސަލާމަތްކޮށްފައިވާ ކަމަށް ބަކީނާ ފާސޯގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ޓުވީޓް ކުރެއްވި އެވެ. އަދި ބާކީ ތިބި މީހުން ސަލާމަތްކުރުމަށް ހާއްސަ އަސްކަރީ އޮޕްރޭޝަނެއް ކުރިއަށްދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަލްގައިދާއާ ގުޅުން އޮންނަ ޖަމާއަތަކުން އެހަމަލާގެ ޒިންމާ ނަގާފައިވާ ކަމަށް ޓެރަރިސްޓް ޖަމްއިއްޔާތަކުގެ ހަރަކާތްތައް މޮނިޓާކުރާ ގުރޫޕެއް ކަމަށްވާ ސައިޓް އިން ބުންޏެވެ. (ބީބީސީ)