އައްޑޫ ސިޓީ މަރަދޫ ފޭދޫގައި 33 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ އަބްދުﷲ ތައްޔިބު މިއަދު ސަން އަށް ވިދާޅުވީ މަރަދޫ ފޭދޫގައި މީހަކު ދަންޖެހިފައި ހުއްޓާ ފެނިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ތައްޔިބު ވިދާޅުވީ ދަން ޖެހިފައި ހުއްޓާ ފެނިފައި ވަނީ، ހާއްސަ އެހީއަށް ބެނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުން އައި މީހެއް ކަމަށެވެ.

އޭނާ ދަންޖެހިފައި ހުއްޓައި ފެނިފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގަ އެވެ.

ފުލުހުން ބުނީ ދަންޖެހިގެން މަރުވެފައި ވަނީ 33 އަހަރުގެ މީހެއް ކަމަށާއި އޭނާ ދަންޖެހިފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ސަން އެނގިފައިވާ ގޮތުގައި ދަންޖެހިގެން މަރުވެފައި ވަނީ، ގ. ބެރުގޭ އަބްދުﷲ ޝަހީޒު އެވެ.