ށ. ގޮއިދޫ ކައުންސިލާއި އައްޑޫ ވިމެންސް އެސޯސިއޭޝަން ގުޅިގެން ގޮއިދޫގައި ކުރިއަށް ގެންދިޔަ ކައްކަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއެކީ ނިންމާލައިފި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ ކުކަރީ ކޯހުގައި 66 ފަރާތަކުން ބައިވެރިވި އެވެ.

ށ. ގޮއިދޫގަިއ ކުރިއަށް ގެންދިޔަ ކައްކާ ކޯހުގެ ބައިވެރިން -- ފޮޓޯ: ކައުންސިލް

ކާބޯތަކެތި ތައްޔާރު ކުރުމުގައި ސިއްހަތަށް ފައިދާ ހުރި، ޖީބަށް ލުއިވާ ގޮތަށް ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތް ދަސްކޮށްދިނުމުގެ އިތުރުން، އަންހެނުން ބާރުވެރި ކުރުވައި، އަންހެނުންނަށް އާމްދަނީ ހޯދޭނެ މަގެއް ހޯދައިދިނުމަކީ ވެސް ކޯހުގެ މަގުސަދެއް ކަމަށް ކައުންސިލުން ބުނެ އެވެ.

"ރެހެންދި އެވޯޑު" ހާސިލްކޮށްފައިވާ ރާއްޖޭގެ ހުނަރުވެރި ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ ކޯހުގައި، 120 ބާވަތެއްގެ ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތް ވަނީ ދަސްކޮށްދީފަ އެވެ.

ށ. ގޮއިދޫގަިއ ކުރިއަށް ގެންދިޔަ ކައްކާ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ކައުންސިލް

އޭގެ ތެރޭގައި، ހެދިކާގެ ބާވަތްތަކާއި ތަފާތު ބުއިންތަކުގެ އިތުރުން ޕިއްޒާ ސަބްމެރިން ފަދަ ކާނާތައް ހިމެނެ އެވެ. ހަމައެއާ އެކު، ކެއްކުމުގައި ވަގުތު ސަލާމަތް ކުރާނެ ގޮތްވެސް ކޯހުގެ ބައިވެރިންނަށް ވަނީ ކިޔައިދީފަ އެވެ.

ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ ކޯސް ނިންމުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކުރީގެ ހެލްތު މިނިސްޓަރ އަދި އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ރައީސާ ޑރ.މަރްޔަމް ޝަކީލާ އެވެ.

ށ. ގޮއިދޫގައި ކުރިއަށް ގެންދިޔަ ކައްކާ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރްޔަމް ޝަކީލާ ވާހަކަދައްކަވަނީ -- ފޮޓޯ: ކައުންސިލް

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި ޝަކީލާ ވަނީ، އަންހެނުން ބާރުވެރި ކުރުވުމަށް ބޭރުގެ އެންޖީއޯތަކާ ގުޅިގެންނާއި އެކަމަނާގެ އަމިއްލަ ހައިސިއްޔަތުން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.