އުތުރުކޮރެއާ އިން ހައިޑްރޮޖަން ބޮމެއް ޓެސްޓްކޮށްފައިވާ ކަމަށް އެގައުމުން ބުނުމުން ރާއްޖޭން އެކަން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުތުރުކޮރެއާގެ އެ އަމަލަކީ އެސަރަހައްދުގެ ގައުމުތައް ރުޅިއަރުވަން ކުރި ކަމެއް ކަމަށެވެ.

"...ޑީޕީއާރްކޭ [ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮރެއާ]ގެ ނިއުކްލިއަ އުއްމީދުތަކާއި މެދު ދިވެހިރާއްޖޭން ދެކެނީ އެއީ ހަމަ އެކަނި ސަރަހައްދީ ހަމަޖެހުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އެކަމަކު އެއީ މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރުޅިއެރުވުމުގެ ހަރަކާތްތައް ވަގުތުން ހުއްޓާލައި، ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ގަރާރުތަކަށް ބޯލެނބުމަށް ބަޔާނުގައި އުތުރުކޮރެއާއަށް ގޮވާލާފައިވެ އެވެ. ރާއްޖެއަކީ ސުލްހަވެރިގައުމަކަށް ވާތީ ނިއުކްލިއަ ހަތިޔާރު އުފެއްދުމާ ރާއްޖޭން ދެކޮޅު ކަމަށާއި އެފަދަ ހަތިޔާރު ގެންގުޅުން މަނާކުރާ މުއާހަދާއަށް އިހުތިރާމްކުރުމަށާއި ނިއުކްލިއަ ޓެސްޓްކުރުން މަނާކުރާ މުއާހަދާގައި ބައިވެރިވެ، އެ މުއާހަދާ ތަންފީޒުކުރުމަށް ހުރިހާ ގައުމުތަކަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ބާރުގަދަ ހައިޑްރިޖަން ބޮމެއް ޓެސްޓްކުރި ކަމަށް އުތުރުކޮރެއާ އިން ބުނި ނަމަވެސް އެގައުމުން އެފަދަ ޓެސްޓެއް ކުރިކަމާއި މެދު ބައެއް ގައުމުތަކުން ދަނީ ސުވާލުއުފައްދަމުންނެވެ.