ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާގެ ޖަޒީރާ ހަވާއީ ކައިރީގައި ދަތުރުކުރި އެމެރިކާގެ މެރީން ކޯގެ ދެ ހެލިކޮޕްޓަރު ރޭ އެކްސިޑެންޓުވެ، އެ ހެލިކޮޕްޓަރުތަކުގައި އެވަގުތު ތިބި 12 ފަޅުވެރިން ކަނޑުވެއްޖެ އެވެ.

އެކްސިޑެންޓު ވެފައި ވަނީ މެރީން ކޯގެ ދެ ހެވީ ލިފްޓް ހެލިކޮޕްޓަރެވެ.

ހަވާއީގެ އޮއާހޫ ޖަޒީރާ ކައިރިން މި ދެ ހެލިކޮޕްޓަރު އެކްސިޑެންޓު ވެފައި ވަނީ، ރޭގެ ވަގުތެއްގައި ކުރިޔަށް ގެންދިޔަ އަސްކަރީ ޓްރެއިނިންގްތަކެއްގެ ތެރޭގަ އެވެ.

ހަވާއީ ސަރަހައްދުގައި މޫސުން އެހާ ރަނގަޅު ނޫން ކަމަށް ރިޕޯޓު ކުރެވިފައިވާ އިރު، އެސަރަހައްދަށް ކަނޑުވި އެމެރިކާ ނޭވީގެ 12 ފަޅުވެރިން ހޯދުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާ އިން ކުރިޔަށް އެބަ ގެންދެ އެވެ.

އޮއާހޫގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި، އެމީހުންނަށް ބާރުގަދަ އަޑަކާއި އެކު އެއްޗެއް ގޮވި ކަހަލަ މަންޒަރެއް ރަށާއި ދިމާ ބޭރުން ފެނިފައި ވެ އެވެ. ބައެއް މީހުން ބުނާ ގޮތުން، އަލިފާން ރޯވެފައިވާ ބައެއް ތަކެތި އެމީހުންނަށް ކަނޑުމަތިން ފެނިފައި ވެ އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އިތުރުން، ހަވާއީގެ ހޮނޮލުލޫ ފަޔާ ޑިޕާޓްމެންޓާއި ޔޫއެސް ކޯސްޓް ގާޑުން ވެސް ދަނީ، ކަނޑުވި ޔޫއެސް މެރީންގެ ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.