ސިނގިރޭޓު ބުއިން ހުއްޓާލުމަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައި އިލެކްޓްރޯނިކް ސިނގިރޭޓު ނުވަތަ އީ ސިނގިރޭޓު މާކެޓު ކުރެވިފައި އޮތް ނަމަވެސް، ހަޤީޤަތުގައި މިކަން ވަނީ މިގޮތަށް ބާވަ އެވެ؟

ދަ ލެންސެޓް ރެސްޕިރޭޓަރީ މެޑިސިންގައި ޝާއިޢު ކުރެވިފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން، އީ ސިނގިރޭޓް ބޭނުންކުރާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލާނެ ކަމުގެ، އޮންނަނީ އެންމެ 28 ޕަސެންޓް ފުރުސަތެކެވެ. އެހެންކަމުން ބޮޑަށް ބެލެވޭ ގޮތުގައި، އީ ސިނގިރޭޓް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާ ދިމާލަށް ކުރާ ދަތުރު ކާމިޔާބު ވުމަށް އޮންނަނީ ވަރަށް ހަނި ފުރުސަތެކެވެ.

އާދައިގެ ސިނގިރޭޓާއި އީ ސިނގިރޭޓުގެ މައްސަލައިގައި މީގެ ކުރިން ވެސް އެތަކެއް ދިރާސާތަކެއް ކުރެވިފައި އޮތް ނަމަވެސް، މިފަހަރުގެ ދިރާސާގެ ނަތީޖާ އާދަޔާއި ޚިލާފެވެ.

މި ދިރާސާ ކުރިޔަށް ގެންދިޔަ ޔޫސީއެސްއެފް ސްކޫލް އޮފް މެޑިސިންގެ ފެލޯ ޑރ. ސާރާ ކަލްކްހޯރަން ބުނީ، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ މެދުގައި އީ ސިގަރެޓް ބޭނުން ކުރެވެމުންދާ ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ޓަކައި އީ ސިގަރެޓް ބޭނުން ކުރުމަށް އިރުޝާދު ދެވިގެން ނުވާނެ ކަމަށެވެ.

އީ ސިގަރޭޓަކީ ބެޓެރީގެ ބާރުގައި މަސައްކަތް ކުރާ އެއްޗެކެވެ. ބެޓެރީގެ ބާރުގެ ސަބަބުން އުފެދޭ ހޫނުން، އޭގެ އެތެރޭގައި ހުންނަ ދިޔާ ނިކޮޓީން ހޫނުވެ، އެއިން އަރާ ދުން، އީ ސިނގަރޭޓް ބޭނުންކުރާ މީހުން ދަމާލަނީ ފުއްޕާމޭގެ ތެރެއަށެވެ. މިއީ ދުންފަތުގެ އިސްތިއުމާލު ކުރުން ނޫން ނަމަވެސް، މީގެ ބޭނުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިހްސާސެއް ކަރުތެރޭގައި ކުރުވުމެވެ.

ދިރާސާ ހެދި ފަރާތްތަކުން ބުނީ، އީ ސިނގިރޭޓް ބޭނުން ކުރާ މީހުން އެ ބޭނުން ކުރަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކޮށް، އެކަން ހުއްޓާލުމަށް ކަމުގައިވީ ނަމަވެސް، މިކަން ވަނީ ވަރަށް މަދުން ކަމަށެވެ. އަދި، އީ ސިނގިރޭޓު ބޭނުންކުރާ މީހުން އެއާއި އެއްވަރަށް، ނުވަތަ މަދުން ނަމަވެސް ދުންފަތް އެކުލެވޭ ސިނގިރޭޓް ބޭނުން ކުރާ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.