ލ. ގަނ ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މިފަހަރު އޭނާގެ ބަންދަށް އިތުރުކޮށްފައި ވަނީ 15 ދުވަސް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އަންހެން މީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރީ އިއްޔެ،" އޮފިޝަލް ވިދާޅުވިއެވެ.

އުމުރުން 23 އަހަރުގެ ޒުހާ މަރުވެފައި އޮއްވައި ފެނުނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 6:00 ހާއިރު ގަލޮޅު ދޫހިމެރި މަގު ގޯޅިގަނޑެއްގެ ތެރެއިންނެވެ.

އެ މައްސަލާގައި ހައްޔަރުކުރި އަންހެން މީހާގެ އުމުރަކީ 50 އަހަރެވެ. އަދި އެ މައްސާލައިގައި ހައްޔަރުކުރި ފިރިހެން މީހާގެ އުމުރަކީ 28 އަހަރެވެ. އޭނާގެ ބަންދަށް މިމަހުގެ ނުވަ ވަނަ ދުވަހު އިތުރުކޮށްފައި ވަނީ 10 ދުވަހެވެ.

އިންޑިއާގެ ޓްރިވެންޑްރަމަށް ޒުހާގެ ހަށިގަނޑު ފޮނުވައިގެން ޕޯސްޓް މޯޓަމް ހެދުމަށްފަހު މިހާރު ވަނީ މާލެގެނެސް ވަޅުލާފައެވެ.