17 Apr 2011, 12:58
ސަންޢާ : ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ވެރިކަން ވައްޓާލުމަށްޓަކައި ރައްޔިތުން އަރަމުންގެންދާ އުތުރިއެރުންތައް ނިމުމަކަށްގެނަސް ޔަމަނަށް ސުލްޙަގެ ގެނައުމަށްޓަކައި ގަލްފުގެ ޢަރަބި ޤައުމުތަކުން ހުށަހަޅާފައިވާ ޕްލޭންގެ ދަށުން ކުރިޔަށްއޮތް 30 ދުވަހުގެ ތެރޭގައި ސާލިޙް، ވެރިކަމުން ފައިބަން ހަމަޖެހިފައިވާ ކަމަށް ޚަބަރުލިބިއްޖެއެވެ.
ޔަމަންގެ މުސްތަޤިއްލު ނޫހަކާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި މިޕްލޭން ތަންފީޒުކުރުމަށްޓަކައި އެމެރިކާވެސް މިހާރުވަނީ މަސްރަޙަށް ވަދެފައެވެ. ޔަމަންގެ ރައީސް ސާލިޙް ގެ ވެރިކަން ދެމެހެއްޓުމުގެ ބާރެއްގެ ގޮތުގައި އެމެރިކާވަނީ ފާހަގަކުރެވިފަ އެވެ.
ސާލިޙްގެ އިސްތިޢުފާއަށް އެމެރިކާ ގޮވާލާފައިވަނީ ސާލިޙްގެ ވެރިކަން ވެއްޓާލުންނޫންގޮތެއް ޔަމަންގެ ރައްޔިތުން ޤަބޫލުނުކުރާނެ ކަށަވަރުވުމުން މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. ސާލިޙްގެ ވެރިކަން ދެމެހެއްޓުމަށް އެމެރިކާ ބޭނުންވަނީ ޔަމަންގައި އަލްޤާޢިދާ ޙަރަކާތްތެރިވާ ކަމަށްބުނެ ސާލިޙްގެ ޑިކްޓޭޓަރޝިޕްގެ ދަށުން ޔަމަނަށް އަތްގަދަކުރަން ފަސޭހަވާތީއާއި ޔަމަންގައި ރައްޔިތުންގެ ވެރިކަމެއް އުފެދިއްޖެނަމަ ޔަމަނަށް ނުފޫޒާއި ބާރު ހިންގުމުގެ ފުރްސަތު އެމެރިކާއަށް ގެއްލޭނެތީ ކަމަށް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ގަލްފުގެ ޕްލޭނަށް ރައީސް ސާލިޙް ވަނީ އާ ބަސް ވިދާޅުވެފައެވެ. މިޕްލޭންގެ ދަށުން ވެރިކަމާ ޙަވާލުވާނީ ސާލިޙް ޢައްޔަންކުރައްވާ ނައިބު ރައީސެއް ކަމަށްވާތީ ޔަމަންގެ އިދިކޮޅު ފަރާތްތަކުން ވަނީ މިޕްލޭނަށް ދެކޮޅު ހަދާފައެވެ. ޔަމަންގެ ރައްޔިތުން ބޭނުންވަނީ ހަމައެކަނި ވެރިކަން ބަދަލުކުރާކަށް ނޫނެވެ. އެމީހުން ބޭނުންވަނީ މުސްތަޤިއްލު ފަރާތަކުން ވެރިކަންކުރާ އިންތިޤާލީ މަރްޙަލާއަކަށްފަހު ދިމުޤްރާތީ އިންތިޚާބަކުން ވެރިކަން ބަދަލުކުރުމަށެވެ.
ޔަމަންގެ ނޫސް ބުނާގޮތުން ވެރިކަމުން ފާބައިވަޑައިގަތުމަށްޓަކައި ރައީސް ސާލިޙް ކުރިޔަށްއޮތް 15 ދުވަހުގެ ތެރޭގައި ނައިބު ރައީސަކު ޢައްޔަން ކުރައްވާނެއެވެ. އެއަށްފަހު 15 ދުވަހުގެ ތެރޭގައި ނައިބު ރައީސާ ވެރިކަން ޙަވާލުކުރައްވާނެއެވެ. (އަލްޖަޒީރާ)