މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭ ހުޅުމާލޭގައި ބިންގާ އެޅި އޯޓިޒަމް ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލެ އޯޓިޒަމް ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާއި ހަވާލުކުރުމަށް މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ ސިންގަޕޫރުގެ ދަ ވިން ރަން އެޗްކޭ އިންޓަނޭޝަނަލް ޓްރޭޑިން ލިމިޓެޑަށެވެ.

ހުޅުމާލޭގައި އޯޓިޒަމް ސުކޫލެއް އަޅަން ނިންމީ އެ އެސޯސިއޭޝަން މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަގްސަދުގައި ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުންޏެވެ. އަދި 200 ކުދިންގެ ޖާގައިގެ އެ ސްކޫލުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައި ކުދިންނަށް ހިދުމަތް ދޭން ފެށޭވަރުވާނެ ކަމަށް އެ އެ އެސޯސިއޭޝަނުން ބުނެ އެވެ.

އޯޓިޒަމް އެސޯސިއޭޝަނަށް ހުޅުމާލެއިން ލިބުނު 4000 އަކަފޫޓުގެ ބިމުގައި އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ބުރީގެ އިމާރާތެކެވެ. އަދި އެ އިމާރާތުގައި އޯޓިޒަމް ކުދިންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެކުދިން ކުޅޭނެ ޕްލޭގްރައުންޑެއްގެ އިތުރުން މޫދުގެ ހަރަކާތްތައް ހިންގުމަށް ސްވިމިން ޕޫލެއް ވެސް ހުންނާނެ ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެ އެވެ.