އަނބިމީހާ އަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އިބްރާހިމް ޝާހު، 40،ގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ޝާހްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފިރިމީހާ އަނިޔާކޮށްގެން ޖިންސީ އަނިޔާތަކެއް ލިބުނު ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ނިޔާވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ ޒިޔާދާއަށް އިންސާފު ހޯދައިދިނުމަށް މިނިސްޓްރީގެ ބާރުގެ ދަށުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

ހަމައެއާ އެކު މުޖުތަމައުގެ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ހައްގުތަކަށް އުނިކަންދީ އަނިޔާ ކުރާ ފަރާތްތަކަށް ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށާއި އެ އަދަބު ވީހާވެސް އަވަހަކަށް އެ މީހަކަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.