15 Jan 2016, 20:33
އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާއަށް މިދިޔަ ބުރާސްފަތި ދުވަހުދިން ޓެރަރިސްޓް ޙަމަލާތަކާ ގުޅިގެން އެގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަމާ ބެހޭ ވާހަކަތައް ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފަ އެވެ. އިންޑޮނީޝިޔާއަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިޔަށްދާ އަދި ކުރިޔަށް ދިޔުމުގެ ގާބިލްކަން ލިބިފައިވާ މަދު އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ އިގްތިސާދެކެވެ. ތިރީގައިމި ވަނީ އިންޑޮނީޝިޔާއާ ބެހޭ އަށް ހަގީގަތެވެ.
1- އިންޑޮނީޝިޔާއަކީ ދުނިޔޭގައިވާ އެންމެ ބޮޑު އިސްލާމީ ގައުމެވެ. ދުނިޔޭގައި އެއްގައުމަކަށް މުސްލިމުން އެންމެ ގިނަ ގައުމަކީ އިންޑޮނީޝިޔާ އެވެ. އެގައުމުގެ އާބާދީގައި 250 މިލިޔަންމީހުން ހިމެނޭ އިރު އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތައަކީ މުސްލިމުންނެވެ. މިއީ ދުނިޔޭގައި ހަތަރު ވަނައަށް އާބާދީ އެންމެ ބޮޑު ގައުމެވެ.

އިންޑޮނީޝިޔާގެ ޖަޒީރާތަކެއް
2- އިންޑޮނީޝިޔާއަކީ ދުނިޔޭގައި ޖަޒީރާތައް އެންމެ ގިނަ ގައުމެވެ. އިންޑޮނީޝިޔާ އެކުލެވިގެންވަނީ 14 ހާސް ޖަޒީރާގެ މައްޗަށެވެ.
3- އިންޑޮނީޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގައިވާ އެންމެ ބޮޑު އިގްތިސާދެވެ. މުޅި ދުނިޔެއަށްބަލާ އިރު އިންޑޮނީޝިޔާއަކީ ދުނިޔޭގެ 16 ވަނަ އިގްތިސާދެވެ. ދެހާސް ސާދަ ވަނަ އަހަރު އެ ގައުމުގެ ގައުމީ އާމްދަނީ (ޖީޑީޕީ) އަކީ ގާތްގަނޑަކަށް 900 ބިލިޔަން އެމެރިކާ ޑޮލަރެވެ. މިއަހަރު ނިމޭއިރު އެގައުމުގެ ގައުމީ އާމްދަނީ އެއްޓްރިލިޔަން ޑޮލަރަށް އަރާނެކަމަށްވަނީ އަންދާޒާ ކުރެވިފަ އެވެ.
4- އިންޑޮނީޝިޔާއަކީ އެކި ދަރިކޮޅުތަކާއި އެކި ނަސްލުތަކުގެ މީހުން ދިރިއުޅޭ ގައުމެކެވެ. އެގައުމުގެ މީހުން ވާހަކަދައްކާ ލޯކަލް ބަސްތަކުގެ ގޮތުގައި 300 ބަސް ފާހަގަ ކުރެވިފައިވެ އެވެ.

އިންޑޮނީޝިޔާގެ މަންޒަރެއް
5- އިންޑޮނީޝިޔާއަކީ ސަރަހައްދުބޮޑު ގުދްރަތީ ވަސީލަތްތައް ގިނަ އަދި އަބާދީވެސް ބޮޑު ގައުމެކެވެ. އިންޑޮނީޝިޔާގެ އިގްތިސާދު ބިނާވެފައިވާ މައިގަނޑު ސެކްޓަރުތަކުގެ ތެރޭގައި ސިނާއަތާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ތެލާއި ގުދްރަތީ ގޭހާއި އެނޫންވެސް މައުދަންތައް ނެގުމާއި ލަކުޑި އުފެއްދުން ހިމެނެ އެވެ. ސިނާއަތުގެ ތެރޭގައި މަތިންދާބޯޓު އުފެއްދުމާއި އިންޖީނާއި މެޝީނަރީ އުފެއްދުންފަދަ ބޮޑެތި ސިނާއަތްތައް ވެސް ހިމެނެ އެވެ.
6- އިންޑޮނީޝިޔާއަކީ ސިޔާސީ ހަމަޖެހުންބޮޑު އަދި ގުދްރަތީ ރީތިކަމާއި މައުދަންތަކާއި ލޭބަރުންނާއި ފަންނީ ތައުލީމުގެ މީހުން ގިނަ ގައުމެކެވެ. މިއާ އެކު ދުނިޔޭގެ އިންވެސްޓަރުން އެންމެ ބޮޑަށް އިންވެސްޓް ކުރަންބޭނުންވާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އެގައުމު ހިމެނެއެވެ. ނަމަވެސް އެގައުމުގެ އިންފްރާސްޓްރަކްޗާގެ ބޮޑުބައި ބަލިކަށިވެފައި ޒަމާނަށް ނުފެތުމުގެ ސަބަބުން އިންވެސްޓަރުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވެ އެވެ.
އިންޑޮނީޝިޔާ ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އެގައުމުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ކުރުމަށެވެ. މިކަމަށްޓަކައި ކުރިޔަށްއޮތް 5 އަހަރު ތެރޭގައި 700 ބިލިޔަން ޑޮލަރު ޚަރަދު އިންފްރާސްޓްރަކްޗަރ ޒަމާނީކޮށް ވަރުގަދަ ކުރުމަށް އެގައުމުވަނީ ރާވާފައެވެ. މިއާއެކު ޖަޕާނާއި ދެކުނު ކޮރެޔާ ފެންވަރަށް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަކީ އެގައުމުގެ އުންމީދެކެވެ.
7- އިންޑޮނީޝިޔާއަކީ ބިންހެލުންތަކާއި އަލިފާން ފަރުބަދަތައް ވެސް ގިނަ ގައުމެކެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ އެންމެ ބޮޑު ކާރިސާ ކަމަށްވާ އޭޝިޔާގެ ސުނާމީ އުފެދުނީ ވެސް އިންޑޮނީޝިޔާއަށް އައި ބިންހެލުމެއްގެ ސަބަބުންނެވެ. މި ބިންހެލުމާއި ސުނާމީގައި އެގައުމުން މަރުވި މީހުންނާއި ގެއްލުނު މީހުންގެ އަދަދު 220،000 އަށް އަރަ އެވެ.
8- އިންޑޮނީޝީޔާއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އެގައުމުގެ ބައެއް ޖަޒީރާތަކުގައި އުފެދެމުންދާ ވަކިވެގަތުމުގެ ރޫޙު ހިމެނެ އެވެ. މިގޮތުން އިންޑޮނީޝިޔާގެ ބައެއްކަމަށްވާ އީސްޓް ޓީމޯ ހިމެނެ އެވެ. އީސްޓްޓީމޯރު ވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިން އިންޑޮނީޝިޔާއިން ވަކިވެ މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިނިވަންކަން އިޢްލާންކޮށްފަ އެވެ. މީގެއިތުރުން އިސްލާމް ދީނުގެ ނަމުގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ދަލުގައި އިންޑޮނީޝިޔާގެ ޒުވާނުން ޖެހޭ މައްސަލައަކީ ވެސް އެގައުމަށް ކުރިމަތިވަމުންދާ ގޮންޖެހުމެކެވެ.
މިފަދަ ޖަމާއަތްތައް އިންޑޮނީޝިޔާގައި ވަކި ހިއްޕާލުމަށްޓަކައި އިސްލާމް ދީން ގެންދަނީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ. ދެހާސް ދެ ވަނަ އަހަރު ބާލީގައި ގޮއްވާލި ބޮންތަކާއި މިދިޔަ ބުރާސްފަތި ދުވަހު ޖަކާޓާގައި ދިން ޓެރަރިސްޓް ހަމަލާތަކަކީ ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ އިންޑޮނީޝިޔާގެ ޒުވާނުން ހިންގި އަމަލުތަކެކެވެ. (ނޫސްއެޖެންސީތައް)