15 Jan 2016, 16:47
ސްވިމިންގެ ދެ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް ވެސް މުބާރާތުގައި ވާދަ ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށާއި އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފި އެވެ.
ކުޅިވަރުގެ ގައުމީ މަޖީލީހުން ނިންމާފައިވާ ނިންމުމުގެ ސަބަބުން ސަރުކާރުން ގޭމްސްއަށް ގެންދާ ގޮތަށް ފުރުސަތު ދީފައި ވަނީ އަންހެން ޓީމުގައި ހިމެނޭ ހަތަރު ކުޅުންތެރިންނަށާއި ފިރިހެން ޓީމުގެ ދެ ކުޅުންތެރިންގެ އިތުރުން ދެ އޮފިޝަލުންނަށެވެ.
ދެ ޓީމުގައި ވެސް ފަސް ފެތުންތެރިންނާއި އޮފީޝަލަކު ހިމެނެއެވެ.
ސަންއާ ވާހަކަ ދައްކަމުން ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ ސްވިމިންގެ ދެ ޓީމު އެއްކޮށް ގޭމްސްއަށް ފޮނުވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެސޯސިއޭޝަނުން އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ސްޕޮންސާ ހޯދައިގެންނާއި ސްވިމިން އެސޯސިއޭޝަންގެ ޕާޓްނާޝިޕް ކުންފުނިތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ އޮތް ދެ ޓީމު ފުލުކޮށް މުބާރާތައް ފޮނުވާލެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް. އަޅުގަނޑުމެން މިދަނީ ސްޕޮންސަ ހޯދައިގެންނާއި އެސޯސިއޭޝަންގެ ސްޕޮންސާ ޕާޓްނާޝިޕް ކުންފުނިތަކާއެކު އެކަމަށް މަސައްކަތް ކުރަމުން" އިސްމާޢީލް ވިދާޅުވިއެވެ.