މީގެ 15 ވަރަކަށް އަހަރު ފަހުން ފުރަތަމަ ފަހަރަށް އިންސާނުން މާސްއަށް ފޮނުވުމަށް ނާސާ އިން މިހާރު ދަނީ ޓީމެއް ތައްޔާރު ކުރަމުންނެވެ. ދެހާސްތޭރަ ވަނަ އަހަރު ތަމްރީނު ކުރަން ފެށި އެ ޓީމަކީ އަންހެނުންގެ އަދަދު 50 ޕަސެންޓަށް އަރާ ނާސާގެ ފުރަތަމަ ޓީމެވެ.

އެ ޓީމުގައި ހިމެނެނީ ހަތަރު އަންހެނުންނާއި ހަތަރު ފިރިހެނުންނެވެ.

"އެޓީމަށް މީހުން ނެގުމުގެ ކުރިން ނުނިންމަން ވަކި ޖިންސަކުން ވަކި މިންވަރަކަށް ކެނޑިޑޭޓުން ހޮވަން. އެއީ ޓީމުގައި ބައިވެރިވާން ވާދަކުރި މީހުންގެ ތެރެއިން އެމަގާމަށް އެންމެ އެކަށީގެންވާ މީހުން،" ގްލެން ރިސާޗް ސެންޓަރުގައި ހުންނަ ނާސާގެ ޑެޕިއުޓީ ޑިރެކްޓަރު ޓީމުގެ ބައިވެރިން އިއުލާން ކުރުމަށް ފަހު ވިދާޅުވި އެވެ.

ދުނިޔެ އިން ބޭރަށް ދިޔުމުގެ ގާބިލުކަން ލިބިގެންވޭތޯ ބެލުމަށް އެޓީމުގެ ބައިވެރިން ވަނީ އެތައް ނަފްސާނީ އަދި ސިއްހީ ޓެސްޓުތައް ހަދައިފަ އެވެ. އަދި މިހާރު ދަނީ "ސްޕޭސްކްރާފްޓެއް އޮޕަރޭޓް ކުރުމަށް އެނގޭތޯ ބެލުމަށް މިނިޓަކު 20 މޭލަށް ދަތުރުކުރާ ޓީ-38 ސުޕްސޮނިކް ޖެޓް އުދުހުމާއި ފެނުގެ 40 ފޫޓު އަޑީގައި ތަފާތު ކަންތައް ކުރުން" ފަދަ ބުރަ ތަމްރީނުތައް ކުރަމުންނެވެ.

އެ ޓީމަށް ހަތަރު މީހުން ހޮވާފައި ވަނީ ބައިވެރިވާން ފޯމު ހުށަހެޅި 6000 މީހުންގެ ތެރެއިންނެވެ.

މިހާރު ހަދަމުންދާ ތަމްރީނުތަކުން ފާސްވެއްޖެ ނަމަ އެ ޓީމުން ދުނިޔެ އިން ބޭރުގައި ދޭއް ނުވަތަ ތިން އަހަރު ހޭދަ ކުރާނެ އެވެ. މާސް އަށް ދެވެން ހަ މަހާއި ނުވަ މަހާއި ދޭތެރޭގެ މުއްދަތެއް ނަގާނެ އެވެ.

"އަހަރުމެންނަށް މާސްއަށް ދެވިއްޖެ ނަމަ އިންސާނުން ކުރިން ގޮސްފައި ނުވާ ތަނެއްގައި މުޅި އިންސާނިއްޔަތު ރަމްޒުކޮށްދެވޭނެ. އަހަންނަށް ފެންނަ ގޮތުގައި އެއީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބު،" އެއް އަންހެން މެމްބަރަކު ބުންޏެކެވެ. (ސައިންސްއެލާޓް)