ފުރަތަމަ ޑިވިޝަނުން އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ޓީސީ އިން ބާއްވާ ޓްރެޔަލް މިއަދު ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މިޓުރެޔަލްގެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށެވެ.

މިޓުރެޔަލް އިން ފާހަގަ ކުރެވޭ ފަސް ކުޅުންތެރިޔަކަށް ފުރަތަމަ ޑިވިޝަންގައި ޓީސީ އަށް ފުރުސަތުދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

ޓީސީގެ ރައީސް އަހްމަދު ނާޝިދު (ޑޭވް) ވިދާޅުވީ ޓީސީއަކީ އަބަދު ވެސް އާ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުރިއަށްދާ ބޭނުންވާ ކްލަބެއް ކަމަށާއި އެގޮތުން އާ ކުޅުންތެރިންނަށް ފުރުސަތު ދީގެން އެކަމުގެ ނަތީޖާ ވެސް ޓީސީ އިން ސާބިތުކޮށްދިފައިވާނެ ކަމަށް ޑޭވް ފާހަގަ ކުރި އެވެ.

"އަޅުގަނޑުމެން ދެ ވަނަ ޑިވިޝަންގައި ވާދަ ކުރި އިރު ވެސް އަޅުގަނޑުމެން ވާނީ ޓްރެޔަލް ބާއްވާފައި. އެ ޓްރެލްއިން އަޅުގަނޑުމެންނަށް ފާހާގަ ކުރެވުނު ދެ ކުޅުންތެރިން އެތިބީ ގައުމީ ޓީމުގައި،" ނާއިޒު ޙަސަން (ދާދު) އާއި މުރުޠަލޯ (މުރޭ)ގެ ޕާފޯމަންސަށް އިޝާރްތަކޮށް ޑޭވް ވިދާޅުވި އެވެ.

ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް (ނިޒާންބެ) ބުނީ ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި ބޭނުން ވަނީ އެކުޅުންތެރިންނަށް ފުރުސަތު ލިބޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.

ނިޒާންބެ ބުނީ ޓީސީގައި ހިމެނޭ އެއްވެސް ކުޅުންތެރިޔަކަށް ކުޅުމުގެ ފުރުސަތު ނުލިބި ނުހުންނާނެ ކަމަށާއި އެކަމަށް އޮތީ ކޮންމެ ކުޅުންތެރިޔެއްގެ ވެސް މަސައްކަތް ކަމަށެވެ.

ޓުރެޔަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނީގެ ޓާާފް ދަނޑު އެކެއްގަ އެވެ.

ފުޓްބޯޅައަށް ޝައުޤުވެރިވެ ޓްރެޔަލްގައި ވާދަ ކުރަން ބޭނުންވާ ކުޅުންތެރިން މިއަދު ހަވީރު 3:45 އަށް ކުޅޭ ކިޓްގައި ޓަފް ދނަޑު އެކަށް ހާޟިރުވުމަށް ޓީސީ އިން ވަނީ އެދިފަ އެވެ.