އަންކަރާ : އަފްޣާނިސްތާނުގެ ތާލިބާން ޖަމާޢަތުގެ ސިޔާސީ އޮފީހެއް ތުރުކީގެ އިސްތަންބޫލްގައި ހުޅުވައިދޭނެކަން ތުރުކީ ސަރުކާރުން ހާމަކޮށްފިއެވެ.

ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން އިސް އެހީތެރިއެއް ކަމަށްވާ އިބްރާހީމް ކަލީން ވިދާޅުވީ ތާލިބާނުންނަކީ އަފްޣާނިސްތާނުގެ އެންމެ ބޮޑު ޖަމާޢަތްކަމަށާއި އެޖަމާއަތުގެ ސިޔާސީ އޮފީހެއް އިސްތަންބޫލްގައި ހުޅުވުމުގެ ފުރްސަތު ދިނުމަކީ އެޖަމާއަތާއެކު ވާހަކަ ދައްކައިގެން އަފްޣާން މައްސަލަ ޙައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައެވެ.

ބާރުގެ ބޭނުންކޮށްގެން އަފްޣާން މައްސަލަ ޙައްލުކުރުމަށް އެމެރިކާއާއި ނޭޓޯ ކުރިމަސައްކަތްވަނީ މުޅިން ނާކާމިޔާބުވެފައެވެ. ތާލިބާނުންނާއި އަލްޤާޢިދާ ވަސްފުހެލާނެކަމަށްބުނެ އަފްޣާނިސްތާނާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައަށް 9 އަހަރު ވީއިރު މިދެޖަމާއަތުގެ އެއްވެސް އިސްމަސްއޫލުވެރިއަކު އަތުލައިގަތުމުގައި އެމެރިކާއާއި ނޭޓޯވަނީ މުޅިން ފޭލްވެފައެވެ.

ތުރުކީގެ މަސްއޫލުވެރިޔާއާ ޙަވާލާދީ އެޤައުމުގެ "ޙުއްރިއްޔަތު" ނޫސް ބުނިގޮތުގައި ތާލިބާނުން ބަލިކުރުމަކީ ބޭރުގެ އެއްވެސް ބާރަކަށް ކުރެވޭނެ ކަމެއްނޫނެވެ. އަދި ތާލިބާނުންނާނުލާ އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމް ކުރުމަކީވެސް ކުރެވޭނެ ކަމެއްނޫނެވެ.
ތުރުކީއަކީ ތާލިބާނުންގެ ސިޔާސީ އޮފީހެއް ހުޅުވާނެކަން ހާމަކުރި ފުރަތަމަ ޤައުމެވެ. ތުރުކީގެ މިހާރުގެ ސަރުކާރަކީ އެމެރިކާފަދަ ހުޅަނގުގެ ބޮޑެތި ބާރުތަކުގެ މަސްލަތަށްވުރެ ބޮޑަށް ތުރުކީގެ އަމިއްލަ މަސްލަޙަތަށާއި އިސްލާމީ ދުނިޔޭގެ މަސްލަހަތަށް އިސްކަންދޭ ސަރުކާރެކެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނުންވަނީ ތުރުކީގެ މިނިންމުމަށް މަރްޙަބާކިޔާފައެވެ. (ރޮއިޓާސް)