ޖަޕާނުގެ މެދު ތެރޭގައި އޮންނަ ސްކައި ރިސޯޓަކަށް ދިޔަ ބަހެއް މަގުން ކައްސާލައި އޭގެން ދަތުރުކުރި 14 މީހުން މަރުވެ، 27 މީހުންނަށް އަނިޔާވެއްޖެ އެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯއިން ފުރައިގެން ނަގާނޯ ޕްރިފެކްޗާގައި އޮންނަ ރިސޯޓަކަށް ރޭ ފަތިހު ދަތުރުކުރަމުންދިޔަ އެ ބަހުގައި 41 ފަސިންޖަރުން ތިބި ކަމަށްވެ އެވެ.

ހާދިސާގައި ބަހުގައި ތިބި ދެ ޑްރައިވަރުން ވަނީ މަރުވެފަ އެވެ. އަދި އަނިޔާވި މީހުންނަށް ކައިރި ހޮސްޕިޓަލުތަކުން ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 13 މީހެއްގެ ހާލު ސީރިއަސް ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

ޓޯކިޔޯގެ ސްކައި ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ކޭތް ޓުއާ އިން ބުނާ ގޮތުން، އެ ބަހުގައި ގިނައީ 20 އަހަރުނުވާ ޒުވާނުންނެވެ.

ކަރުއިޒަވާ ނަމަކަށްކިޔާ ސަހަރެއް ކައިރީގައި މިއަދު ހެނދުނު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާއިރު، މަގުގައި އެއްވެސް ވަރަކަށް ސްނޯ އަދި އައިސް ނެތް ކަމަށް ޓޯކިޔޯގެ މީޑިއާތަކުން ބުނެ އެވެ.

ޖަޕާނުގެ ޓްރާސްޕޯޓް މިނިސްޓްރީން ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.