15 Jan 2016, 11:07
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވި ކުޅިވަރު ގާނޫނުގެ ދަށުން ރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ކުރިމަތިލައްވާ ފަރާތްކުން މި މަހުގެ 31 ވަނަ ދުވަހުގެ 2:00ގެ ކުރިން ހުށަހަޅަންޖެހޭ ލިޔެކިއުންތަށް އެ މިނިސްޓްރީ އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކުޅިވަރު ގާނޫނުގައި ބުނެފައި ވަނީ ބިލު ފާސްވެ ގާނޫނަކަށް ވުމުން 90 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ކޮމިޝަނަރު އޮފް ސްޕޯޓްސްއެއް އައްޔަންކުރަންޖެހޭނެ ކަމަށެވެ.
ކޮމިޝަނަރު އޮފް ސްޕޯޓްސް އަށް މީހަކު އައްޔަން ކުރާއިރު އެމީހާގެ މަސްއޫލިއްޔަތުގެ ތެރޭގައި ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގެ މަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވާން ޖެހެ އެވެ.
ކޮމިޝަނަރު އޮފް ސްޕޯޓްސްގެ ބާރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ފަރުދުންނާއި ކުލަބު ޖަމިއްޔާތަކާއި އެތަންތަނުގެ މެމްބަރުންގެ ދަފްތަރަށް ސައްހަނޫން މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ މައްޗަށް ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ އެވެ.
އަދި އެ ގާނޫނުގެ ދަށުން އަލަށް އައްޔަން ކުރެވޭ ކޮމިޝަނަރު އޮފް ސްޕޯޓްސް އައްޔަންކުރުމަށް ފަހު އެއްވެސް ސަބަބަކާހުރެ އެ މަގާމު ހުސްވެފައިވާ ނަމަ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އެހެން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހެ އެވެ. އަދި ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމުގައި ހުރި ބޭފުޅަކު މަގާމުން އިސްތިއުފާ ދެއްވައިފި ނަމަ ވެސް 30 ދުވަހުގެ ތެރޭގައި އެމަގާމަށް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހެ އެވެ.
ކޮމިޝަނަރު އޮފް ސްޕޯޓްސްއެއް މި ގާނޫނުގެ ދަށުން އައްޔަންކުރާ އިރު ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހެއް އުފައްދަން ޖެހެ އެވެ.