15 Jan 2016, 10:55
މާލޭގެ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެފައިއޮއްވައި ފެނުނު ލ. ގަން ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓެމް ހެދުމަށްފަހު ރޭ މާލެ ގެނެސް ވަޅުލައިފިއެވެ.
ޒުހާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އާސަހަރާ މިސްކިތުގައި ރޭ މެންދަމު 2:00 ކަންހާއިރު ކުރެވުނު ކަށުނަމާދަށްފަހު އޭނާ ވަނީ އެ ސަހަރާގައި ވަޅުލައިފައެވެ.
މަރާލުމަށްފަހު ޒުހާގެ ހަށިގަނޑު ގޯޅި ގަނޑެއްގެ ތެރެއަށް އެއްލައިލާފައިވާ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، ޕޯސްޓްމޯޓެމް ހެދުމަށްޓަކައި އަވަށްޓެރި އިންޑިއާ އަށް ފޮނުވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބޭނެ ދުވަހެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޒުހާގެ މަންމަ ނައީމާ މުހައްމަދު (ނައީމައްތަ) "ސަން" އަށް ބުނީ، އޭނާގެ ދަރިފުޅު މަރާލާފައި ވަނީ ކަރުގައި ހިފައި އަނިޔާކޮށްގެން ކަމަށެވެ. އެ ތުހުމަތު ކުރެވެނީ ދަރިފުޅުގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކުން ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ދަރިފުޅުގެ ފަލަމަސްގަނޑުގައި ވެސް ބާރަށް ހިފާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ފަލަމަސްގަނޑުގައި ބާރަށް ހިފުމުން އަތުގެ އިނގިލިތައް އަރާ ގޮތަށް ނޫފައިގެންފައިވާ ނިޝާނެއް ފެންނަ ހުރި ކަމަށް ނައީމައްތަ ބުންޏެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ގަލޮޅު ދޫހިމެރި މަގު ގޯޅިއެއްގެ ތެރޭގައި ވެއްޓިފައިއޮއްވައި ފުލުހުންގެ ބެލުމުގެ ދަށުން ޒުހާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ.
ޒުހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މިމަހުގެ ނުވަ ވަނަ ދުވަހު ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.