ފިލްމީ ދާއިރާގައި މުޅި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ އެކެޑެމީ އެވޯޑްސް ނުވަތަ، އާންމު ނަމުން ނަމަ އޮސްކާ އެވޯޑްސް އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދެވޭ އިރު، އެ އެވޯޑަށް ނޮމިނޭޓު ވެފައިވާ ފަރާތްތަކުގެ ލިސްޓު މި ވަނީ އާންމު ވެފަ އެވެ.

މިއަހަރުގެ ނޮމިނޭޝަން ލިސްޓަށް ބަލާ އިރު، އެންމެ ގިނަ ނޮމިނޭޝަން ލިބިފައި މިވަނީ 2015 ވަނަ އަހަރު ނެރެވުނު ފިލްމު "ދަ ރެވެނަންޓް"އަށެވެ. މި ފިލްމަށް 12 ނޮމިނޭޝަން ލިބިފައިވާ އިރު، އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް މި ފިލްމުގެ ޑައިރެކްޓަރާއި ބަތަލު ވަނީ ނޮމިނޭޓް ވެފަ އެވެ.

ދަ ރެވެނަންޓްގެ ބަތަލަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ލިއޮނާޑޯ ޑިކެޕްރިއޯ އެވެ. ޑިކެޕްރިއޯ އަކީ އޮސްކާ އެވޯޑުގެ ތާރީޚުގައި އެހާ ވިދުން ގަދަ ތަރިއެއް ކަމަށް މިހާތަނަށް ދައްކާފައި ނުވެ އެވެ. އޮސްކާގެ ބެސްޓް ސަޕޯޓިންގ އެކްޓަރުގެ އެވޯޑަށް މީގެ 21 އަހަރު ކުރިން، 1994 ވަނަ އަހަރު ނޮމިނޭޓުވި އިރު، އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އެންމެ މޮޅު އެކްޓަރަށް، އަދި އެއް ފަހަރު ބެސްޓް ޕިކްޗަރގެ އެވޯޑަށް ޑިކެޕްރިއޯ ނޮމިނޭޓު ވެފައި ވެ އެވެ. ނަމަވެސް، ނޮމިނޭޓުވި ފަސް ފަހަރުން ކުރެ އެއް ފަހަރުވެސް ޑިކެޕްރިއޯއަށް އެވޯޑެއް ހާސިލުވެފައެއް ނުވެ އެވެ. އެހެންކަމުން 22 ވަނަ އަހަރު، ލިއޮނާޑޯގެ އޮސްކާ ހަޔާތުގައި ކާމިޔާބެއް ލިބޭނެތޯ ނުވަތަ ނޫންތޯ އެނގޭނީ 28 ފެބްރުއަރީ ވަނަ ދުވަހު އެވެ.

88 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ފިލްމީ ތަރީގެ އެވޯޑަށް ވާދަ ކުރަނީ

  1. ބްރަޔަން ކްރެންސްޓަން (ޓްރަމްބޯ)
  2. މެޓް ޑޭމަން (ދަ މާރޝިއަން)
  3. މައިކަލް ފާސްބެންޑަރ (ސްޓީވް ޖޮބްސް)
  4. އެޑީ ރެޑްމޭން (ދަ ޑެނިޝް ގާރލް)
  5. ލިއޮނާޑޯ ޑިކެޕްރިއޯ (ދަ ރެވެނަންޓް)

88 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އަންހެން ފިލްމީ ތަރީގެ އެވޯޑަށް ވާދަ ކުރަނީ

  1. ކޭޓް ބްލެންޗެޓް (ކެރޮލް)
  2. ބްރީ ލާސަން (ރޫމް)
  3. ޖެނިފާ ލޯރެންސް (ޖޯއި)
  4. ޝާލޮޓް ރެމްޕްލިންގ (45 އިޔާރސް)
  5. ސިއަރޝާ ރޯނަން (ބްރުކްލިން)

88 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ވާދަ ކުރަނީ

  1. ލެނީ އެބްރަމްސަން (ރޫމް)
  2. އަލެހަންދްރޯ ގޮންޒަލެޒް އިންޏަރިތު (ދަ ރެވެނަންޓް)
  3. ޓޮމް މެކްކާރތީ (ސްޕޮޓްލައިޓް)
  4. އެޑަމް މެކްކޭ (ދަ ބިގް ޝޯޓް)
  5. ޖޯޖް މިލަރ (މޭޑް މެކްސް: ފިއުރީ ރޯޑް)

88 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމު (ބެސްޓް ޕިކްޗަރ) އެވޯޑަށް ވާދަކުރާ ފިލްމުތަކަކީ

  1. ދަ ބިގް ޝޯޓް
  2. ބްރިޖް އޮފް ސްޕައީޒް
  3. ބްރުކްލިން
  4. މޭޑް މެކްސް: ފިއުރީ ރޯޑް
  5. ދަ މާރޝިއަން
  6. ދަ ރެވެނަންޓް
  7. ރޫމް
  8. ސްޕޮޓްލައިޓް