އިސްލާމިކް މިނިސްޓްރީން އަންގާގޮތުގެމަތިން ރާއްޖޭގެ މިސްކިތްތަކުގައި ހުކުރު ކުރުމުގެ އިންތިޒާމް ކައުންސިލްތަކުން ހަމަނުޖައްސައިފިނަމަ އެކަން ލުއިގޮތަކަށް ނުނަގާނެ ކަމަށް ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ފުވައްމުލަކުގެ އަވަށެއްގައި ހުރުނުކުރުމަށް އެ އަވަށުގެ ކައުންސިލުން ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި އެ މައްސަލައާ ގުޅޭގޮތުން ތަފްސީލީގޮތެއްގައި އުމަރު ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.

ފުވައްމުލަކުގެ އަވަށެއްގައި ހުކުރު ނަމާދު ނުކުރުމަށް އެ އަވަށުގެ ކައުންސިލުން ނިންމުމާ ގުޅިގެން އިސްލާމިކް މިނިސްޓަރުގެ ނައިބު އައްޝައިޚް އިބްރާހީމް އަހްމަދު މިރޭ ސަން އަށް ވިދާޅުވީ ފުވައްމުލަކުގެ އިމާމުންނަށް އެ މިނިސްޓްރީގެ މުވައްޒަފުން މިރޭ ފޯނުން ގުޅައި މާދަމާގެ ހުކުރު ނަމާދު އިމާމުވެ ކުރުމަށް އަންގަމުންދާ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ހެޔޮވިސްނޭ ބައެއް ކަމުގައިވާނަމަ އެ ވާޖިބު އަދާކުރާނެ. ދީނީ ހިދުމަތް ދިނުމުގައި އެއްވެސް ބަޔަކު ފަސްޖެހިގެން ނުވާނެ،" ޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.

މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށްފަހު އެ މިނިސްޓްރީން ފުވައްމުލަކު އަވަށްތަކަށް ހުށަހެޅި އެގްރިމެންޓުގައި އެ ރަށުގެ އެއްވެސް ކައުންސިލަކުން ސޮއިކޮށްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ބާރަ ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމަލުގެ ހަތް ވަށެއްގައި ހުކުރު ނުކުރަން އުޅޭ ކަމަށް ބުނެ ފުވައްމުލަކު އަތޮޅު ކައުންސިލުން ވަނީ މީޑިއާގައި ވާހަކަ ދައްކާފަ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކައުންސިލްތަކުން ބަލަހައްޓަމުން ދިޔަ މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.