14 Jan 2016, 22:37
މިސްކިތްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން، ކައުންސިލްތަކާއި މިނިސްޓްރީތަކާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމެއްގައި ފުވައްމުލަކުގެ އަވަށެއްގައި މާދަމާ ހުކުރު ނުކުރަން އުޅޭތީ، އެކަން އެގޮތަށް ނުކުރުމަށް އަންގައިފި އެވެ.
އިސްލާމިކް މިނިސްޓަރުގެ ނައިބު ޝެއިހް އިބްރާހިމް އަހުމަދު "ސަން"އަށް މިރޭ ވިދާޅުވީ ފުވައްމުލަކު ހަތް އަވަށެއްގައި މާދަމާ ހުކުރު ނުކުރަން ނިންމި ކަމެއް އެ މިނިސްޓްރީއަކަށް އެނގިފައި ނެތް ކަމަށާއި ނަމަވެސް އެ ރަށުގެ އެއް އަވަށެއްގައި ހުކުރު ނުކުރާނެ ކަމަށް ބުނެ، ކައުންސިލަކުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފުވައްމުލަކުގެ އިމާމުންނަށް އެ މިނިސްޓްރީގެ މުވައްޒަފުން މިރޭ ފޯނުން ގުޅައި މާދަމާގެ ހުކުރު ނަމާދު އިމާމުވެ ކުރުމަށް އަންގަމުންދާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ހެޔޮވިސްނޭ ބައެއް ކަމުގައިވާނަމަ އެ ވާޖިބު އަދާކުރާނެ. ދީނީ ހިދުމަތް ދިނުމުގައި އެއްވެސް ބަޔަކު ފަސްޖެހިގެން ނުވާނެ،" ޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.
މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށްފަހު އެ މިނިސްޓްރީން ފުވައްމުލަކު އަވަށްތަކަށް ހުށަހެޅި އެގްރިމެންޓުގައި އެ ރަށުގެ އެއްވެސް ކައުންސިލަކުން ސޮއިކޮށްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ބާރަ ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމަލުގެ ހަތް ވަށެއްގައި ހުކުރު ނުކުރަން އުޅޭ ކަމަށް ބުނެ ފުވައްމުލަކު އަތޮޅު ކައުންސިލުން ވަނީ މީޑިއާގައި ވާހަކަ ދައްކާފަ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކައުންސިލްތަކުން ބަލަހައްޓަމުން ދިޔަ މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.