އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި މިއަދު ދިން ނުރައްކާތެރި ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާޢަތުން އުފުލައިފި އެވެ.

މިއަދު ޖަކާޓާގެ ހަ ސަރަހައްދެއްގައި ބޮމުގެ ހަމަލާތަކެއް ދީފައިވާ އިރު، ބަޑީގެ ހަމަލާތަކެއް ދީފައިވެ އެވެ. އެ ހަމަލާތަކުގައި ފަސް މީހަކު މަރުވި އެވެ.

އައިއެސް އިން އޮންލައިންކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޖަކާޓާގައި ހަމަލާތަކެއް ދީފައި ވަނީ "ޚިލާފަތުގެ ހަނގުރާމަވެރިން" ކަމަށެވެ.

ޖަކާޓާގެ ފުލުހުން ވަނީ، އެ ހަމަލާ ރޭވުމުގައި އިންޑޮނޭޝިޔާގެ ރައްޔިތަކު ބައިވެރިވެފައިވާކަން ތުހުމަތުކޮށްފަ އެވެ. ބަހްރުއްނައީމް ނަމަކަށް ކިޔާ މި މީހާ މިހާރު ވަނީ ސީރިޔާގައި ކަމަށް ބެލެވެ އެވެ.

ޖަކާޓާގައި ހަމަލާދީފައި ވަނީ، އެ ސިޓީގެ ވިޔަފާރީގެ މަރުކަޒީ ސަރަހައްދެއްގަ އެވެ. ޖަކާޓާގައި، ގިނަ ގައުމުތަކެއްގެ އެމްބަސީތަކެއް ހުންނަ ސަރަހައްދެއްގައި ފުރަތަމަ ގޮވުން ގޮއްވައިލި އިރު، ބަޑިއާއި ހަތިޔާރު އެޅި ބަޔަކު ވަނީ އެސަރަހައްދުގައި ހުރި ޖަކާޓާ ތިއޭޓަރަށް ވަދެފަ އެވެ. ނަމަވެސް ވަގުތުން ފުލުހުންނާއި ސިފައިން ވަނީ ނުކުމެ، އެމީހުންނާ ދެކޮޅަށް ހަމަލާދީ، ހަމަލާތަކާއި މަސްލަހަތު ކޮންޓްރޯލް ކޮށްފަ އެވެ.

އެހަމަލާތަކުގައި މަރުވީ އިންޑޮނޭޝިޔާގެ ރައްޔިތަކާއި، ކެނެޑާގެ ރައްޔިތެއްގެ އިތުރުން، ހަނގުރާމަވެރިންގެ ތިން މީހެކެވެ. ހަމަލާތަކުގައި ނެދަލެންޑްސް މީހަކާއި އިންޑޮނޭޝިޔާގެ ފަސް ފުލުހަކު ހިމެނޭ ގޮތަށް 20 މީހަކަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވެ އެވެ.

އިންޑޮނޭޝިޔާއަކީ އިސްލާމީ ދުނިޔޭގައި މުސްލިމުން އަދަދުން އެންމެ ގިނަ ޤައުމެވެ. އެހެން ނަމަވެސް އެ ޤައުމަކީ ވެރިކަން ހިންގުމުގައި އިސްލާމީ އުސޫލުތައް ނުގެންގުޅޭ، ސެކިއުލާ ޤައުމެކެވެ.

އައިއެސްއިން އިންޑޮނޭޝިޔާ އަށް ހަމަލާ ދޭނެ ކަމުގެ އިންޒާރުތަކެއް ނިމިދިޔަ އަހަރުގެ ފަހުކޮޅު ދީފައިވެ އެވެ. ލަފާ ކުރެވޭ ގޮތުގައި އިންޑޮނޭޝިޔާގެ 200 ވަރަކަށް މީހުން އައިއެސް ޖަމާޢަތާ މިހާތަނަށް ގުޅިފަ އެވެ.