15 Jan 2016, 11:15
އާސެނަލްއާ މިއަދު ގުޅުނު މިސްރުގެ ޒުވާން މިޑްފީލްޑަރު މުހައްމަދު އެލްނެނީގެ އަމާޒު ހުރީ ފުރަތަމަ ސީޒަނުގައި ވެސް އެ ޓީމާއި އެކު ތަށި ހޯދުމުގެ އަޒުމުގައި ކަމަށް އޭނާ ބުނެފިއެވެ.
ސްވިޒަލެންޑްގެ ބާސެލް އަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ އެލްނެނީ ބުނީ އޭނާ އާސެނަލްއާ ގުޅުނީ އެ ޓީމާއި އެކީ ގިނަކާމިޔާބީ ތަކެއް ހޯދުމުގެ އަޒުމުގައި ކަމަށާއި މި ސީޒަނުގައި ވެސް މިހާރު ކުޅެމުންދާ ތިން މުބާރާތުގެ ތަށި ކާމިޔާބް ކުރަން ބޭނުންވާ ކަމަށެވެ.
"އަހަރެންގެ އަމާޒު ހުރީ މި ސީޒަނުގައި އާސެނަލްއާއި އެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގްވެސް ކާމިޔާބް ކުރަން. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ވެސް ތައްޔާރަށް މިހުރީ،" އެލްނެނީ ބުންޏެވެ.
އެލްނެނީ ބާސެލްއާ 2013 ވަނަ އަހަރު ގުޅުމަށްފަހު އޭނާ ވަނީ އެ ޓީމަށް 91 މެޗުން ނުވަ ލަނޑު ކާމިޔާބް ކޮށްދީފައެވެ. ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް ކުޅެފައިވާ އެލްނެނީ ބުނީ އާސެނަލްގެ ފަރާތުން ފެންނަ ކުޅުމަކީ ކޮންމެ މީހަކު ވެސް ބަލާހިތްވާ ކަހަލަ ރީތި ކުޅުމެއް ކަމަށާއި އެ ފަދަ ޓީމަކަށް ކުޅެންް ލިބުމަކީ ލިބޭނެ ފަޚްރެއް ކަމަށެވެ.
"އާސެނަލް އަކީ ދުނީޔޭގެ އެންމެ ކާމިޔާބް ކުލަބު ތަކުގެ ތެރެއިން އެއް ކުލަބު. އަހަރެންގެ އެންމެ މޮޅުކުޅުން މި ޓީމާއި އެކީ ފެނިގެން ދާނެ،" އެލްނެނީ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ 3-3 އިން އެއްވަރުވި މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އެލްނެނީ އަކީ އެ ޓީމުން ބޭނުންވާ ކަހަލަ މިޑްފީލްޑަރެއް ކަމަށެވެ.
އެ މެޗުން އެއްވަރުވި ނަމަވެސް ކުޅުނު 21 މެޗުން 43 ޕޮއިންޓް ހޯދައިގެން ލީގުގެ އެއް ވަނާގައި އޮތީ އާސެނަލް އެވެ.