ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ހެރީ ޕޮޓާ ފިލްމު ސީރީޒްގައި، ޕްރޮފެސަރު ސެވެރަސް ސްނޭޕްގެ ރޯލު ކުޅުނު އިނގިރޭސި ވިލާތުގެ ފިލްމީ ތަރި އެލަން ރިކްމަން މިއަދު މަރުވެއްޖެ އެވެ.

ރިކްމަން މިއަދު މަރުވެފައި ވަނީ، ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށް ފަހު، އުމުރުން 69 އަހަރުގަ އެވެ.

ރިކްމަންއަކީ، ޑައި ހާޑްއާއި، ޓްރޫލީ މޭޑްލީ ޑީޕްލީއާއި، ރޮބިން ހުޑް: ޕްރިންސް އޮފް ތީވްސްއާއި، ލަވް އެކްޗުއަލީ އަދި ހެރީ ޕޮޓާ ސީރީޒްގެ ފިލްމުތަކުގައި މުހިންމު ރޯލުތަކުން ފެނިފައިވާ ތަރި އެކެވެ.

ފިލްމީ ދާއިރާގައި 40 އަހަރު ހޭދަ ކުރި އިރު، ރިކްމަންއަށް އޮސްކާ އެވޯޑެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް އޭނާ އަށް ވަނީ ބަފްޓާ އެވޯޑަކާއި އެމީ އެވޯޑަކާއި ސްކްރީން އެކްޓާރސް ގިލްޑް އެވޯޑެއްގެ އިތުރުން ގޯލްޑެން ގްލޯބް އެވޯޑެއް ލިބިފަ އެވެ.

ރިކްމަންއަށް 69 އަހަރު ވެފައިވީ އިރު، އޭނާ ކައިވެންޏެއް ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 2012 ވަނަ އަހަރު އެވެ. އެކަމަކު އޭނާ ކައިވެނި ކޮށްފައި ވަނީ، މިދިޔަ 51 އަހަރު ލޯބީގެ ގުޅުން ބާއްވަމުން އައި އޭނާގެ ފުރަތަމަ ލޯބިވެރިޔާ އަދި ލޭބާ ޕާޓީގެ ކުރީގެ ކައުންސިލަރެއް ކަމުގައިވާ ރިމާ ހޯޓަންއާ އެވެ.

އެލަން ރިކްމަން މަރުވުމާ ގުޅިގެން، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެރީ ޕޮޓާ ފިލްމު ސީރީޒްއަށް ލޯބިކުރާ އެތައް ބަޔަކު ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.