14 Jan 2016, 20:44
ސަނަމް ބޭންޑުން ރާއްޖޭގައި ކުޅުނު ތިން ވަނަ ލަވައިގެ މަންޒަރުތައް ހިތްގައިމެއް ނޫނެވެ. ރާއްޖޭގެ ނަލަ ރީތި މަންޒަރުތަކެއް އެ ލަވަޔަކުން ނުފެނެ އެވެ. ހިތާމަވެރި ރާގަކުން ސަނަމް ކިޔައިދީފައި ވަނީ "ތެރެބިނާ ޒިން ދަގީ ސެ" މި ލަވަ އެވެ.
ތެރެބިނާ ޒިންދަގީ ސެ އެ ލަވައަކީ 1975 ވަނަ އަހަރު މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު އަދި ކިޝޯރް ކުމާރު ކިޔާފައިވާ ހިތާމަވެރި ލޯބީގެ ލަވަ އެކެވެ. އެ ލަވަ ސަނަމް ބޭންޑުން ކިޔާފައި ވަނީ ހަމަ އެކަނި ސަނަމްގެ އަޑުންނެވެ.

ސަނަމް ބޭންޑުން ރާއްޖޭގައި ކުޅުނު ތިން ވަނަ ލަވަ "ތެރެބިނާ ޒިން ދަގީ ސެ" މަންޒަރުތަކުގެ ތެރެއިން --
ސަނަމްގެ އޮފިޝަލް ފޭސްބުކް ޕޭޖާއި ޔޫޓިއުބުގައި އެ ލަވަ ރިލީޒްކޮށްފައިވާއިރު ލަވަ ކުޅެފައި ވަނީ ރާއްޖޭގެ ރިޒޯޓެއްގަ އެވެ. ނަމަވެސް އެއީ ކޮން ރިޒޯޓެއް ކަމެއް ނޭނގެ އެވެ. ކުރިން ސަނަމް ރިލީޒް ކުރި ދެ ލަވައާ ހިލާފަށް މިފަހަރުގެ ލަވާގައި ރާއްޖޭގެ ރީތިކަން ދައްކުވައި ދޭ މަންޒަރުތަކެއް ނުފެ އެވެ. މަންޒަރުތައް ނަގާފައި ވަނީ ގާމަތި ރަށެއްގެ ގޮނޑު ދޮށުގަ އެވެ.

ސަނަމް ބޭންޑުން ރާއްޖޭގައި ކުޅުނު ތިންވަނަ ލަވަ " ތެރެބިނާ ޒިން ދަގީ ސެ" މަންޒަރުތަކުގެ ތެރެއިން --
ދިޔަވަރު ހިކިފައި އޮތް ވަގުތެއްގައި ރަށެއްގެ ގޮނޑު ދޮށުގައި ޝޫޓުކުރި އެ ލަވައިން ރީތި އަތިރިމައްޗެއް ވެސް ނުފެނެ އެވެ. ފެންނަނީ މޫދާ ދިމާލުން އެއްގަމުން ގާތަކެކެވެ. ލަވައިގެ ބައެއް މަންޒަރުތައް ރިސޯޓެއްގެ ފާލަމެއްގެ މަތީގައި ވެސް ނަގާފައިވެ އެވެ. އެ މަންޒަރުތަކުގައި މޫދާއި ހުދު ގޮނޑުދޮށް ފެނެ އެވެ. މިފަހަރުގެ ލަވައަކީ ހިތާމަވެރި ލަވައަކަށް ވުމުން މީގެ ކުރިން ރާއްޖޭގައި ކުޅުނު ދެލަވައާ ހިލާފަށް މިފަހަރުގެ ލަވަ އެހާ "ހެޕަނިންއެއް ނޫން" އެވެ.

ސަނަމް ބޭންޑުން ރާއްޖޭގައި ކުޅުނު ތިންވަނަ ލަވަ " ތެރެބިނާ ޒިން ދަގީ ސެ" މަންޒަރުތަކުގެ ތެރެއިން --
މީގެ ކުރިން ރާއްޖޭގައި ކުޅުނު ގިނަ ލަވަތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބުފައިވާއިރު އޭގެތެރެއިން ގިނަބައެއްގެ އެންމެ މަގުބޫލު ލަވައަކަށްވީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ އާއެކު ސަނަމް ކީ ލަވަ "ޔެވާދާ ރަހާ" އެވެ.
މިރާއާއެކު ސަނަމް ކީ ލަވައަށް އެއް މިލިއަނަށްވުރެ ގިނަ ވިއު ވަނީ ލިބިފަ އެވެ. އޭގެ އިތުރުން އައްޑު އަތޮޅުގެ ރީތި މަންޒަރުތައް ހިމަނައިގެން ސަނަމް ބޭންޑުން ރާއްޖޭގައި ކުޅުނު ދެ ވަނަ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.