ރ. ދުވާފަރުގައި ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެ ރަށުގެ ގެއަކުން ވަޒަންތަކެއް ފެނުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

އެމައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާކަން ފުލުހުން ވަނީ 'ސަން' އަަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެމައްސަލާގައި ހަޔއްޔަރުކުރި މީހުންގެ ތެރެއިން އެކަކުގެ ބަންދަށް ތިންދުވަސް އަދި ދެމީހެއްގެ ބަންދަށް ފަސް ދުވަސް ދެންހުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

ނަމަވެސް ބަންދުގެ މުއްދަތު ޖަހާފައިވަނީ ކޮން ކޯޓަކުން ކަމެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ. ދުވާފަރުން ފެނިފައި ވަނީ ތަމްރީނުތަކުގައި ބޭނުން ކުރާ ލައިވް ވަޒަންތަކެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ވަޒަންތަކެއް ފެނުމާ ގުޅިގެން ސިފައިންނަށް އެކަން ވަނީ އަންގާފަ އެވެ. އަދި ފުލުހުންނާއި އެކު އޮޕަރޭޝަން ތަކުގައި ސިފައިންވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.