އާންމުކޮށް ފިލްމު އަޅުވައި ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އޮލިމްޕަސް ސިނަމާ ކުއްޔަށް ދޭން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެންސީއޭއާ ގުޅިގެން އޮލިމްޕަސް ސިނަމާގައި ފިލްމު އަޅުވައި ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 20 ޖެނުއަރީ ބުދަ ދުވަހުގެ 11 ޖަހާއިރަށް އެންސީއޭއަށް ދިއުމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެކަމާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު 'ސަން' އަށް ވިދާޅުވީ އޮލިމްޕަސް ސިނަމާ ކުޔަށް ދިނުމަށް ނިންމާފައި ވަނީ އެތަނުގައި ފިލްމު އަޅުވައިގެން ދައްކާނެ ފަރާތެއް ހޯދުމަށް ކަމަށެވެ. އަދި ސަރުކާރަށް ވަކި ކުއްޔެއް ދެއްކުމަށް ފަހު އެތަނުގައި ފިލްމު އަޅުވައިގެން ވިޔަފާރި ކުރެވޭނެ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

އޮލިމްޕަސް ސިނަމާގައި މިހާރު އަޅުވަނީ ދިވެހި ފިލްމު އެކަންޏެވެ. އަދި ފިލްމް މަދުން އެޅުވޭ ސަބަބަކަށް ވެފައި އޮއްނަނީ ރާއްޖޭގައި ފިލްމް އުފެއްދޭ މިންވަރު މަދުވުމެވެ.

އޮލިމްޕަސް ކުއްޔަށް ދިނުމަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އެއީ 2014 ވަނަ އަހަރުއާއި މިދިއަ އަހަރުގެ ނޮވެމްވަރު މަހު އެވެ. ހުޅުވާލި ފުރުސަތުގައި "ކަމުދާ" ހުށަހެޅުންތަކެއް ހުށަހަޅާފައި ނެތުމުން އެކަމަށް ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ހުށަހެޅުންތައް ބާތިލުކޮށް އަލުން ހުޅުވާލީ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.