Last Updated:
10 year 10 month ago

ފުލްޓައިމް ސްކޯ: ބަނގުލަދޭޝް 0-2 ރާއްޖެ

    ބުލޮގު ޚުލާސާ

    ބަންގަބަންދު ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ބަނގުލަދޭޝް އޮލިމްޕިކް ޓީމާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    19:48

    ޑާކާގެ ބަންގަބަންދު ސްޓޭޑިއަމްގައި، ބަންގާޅު އަތުން މިއަދު ލިބުނު 3 ޕޮއިންޓާއެކު ރާއްޖެ ކުޅުނު 2 މެޗުން ޖުމުލަ 6 ޕޮއިންޓް ލިބިގެން ގްރޫޕް "ބީ"ގެ އެއްވަނައިގައި އޮތީ ރާއްޖެ. ދެމެޗުން 4 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ ބަހްރެއިން. އަދި، މިއަދު ރާއްޖެ އަތުން ބަލިވި ބަނގުލަދޭޝް އޮލިމްޕިކް ޓީމް އޮތީ 1 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައި. ކެމްބޯޑިއާ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައި.

    ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ ބަހްރެއިނާ ދެކޮޅަށް. އެ މެޗުން މޮޅުވެގެން ނުވަތަ އެއްވަރުކޮށްލައިގެން ވެސް ބަހްރެއިންއަށް ރާއްޖެއާއެކު ސެމީއަށް ދެވޭނެ. އަދި އެ މެޗުން ބަހްރެއިން ބަލިވެއްޖެ ނަމަ، ކެމްބޯޑިއާއަތުން ރަނގަޅު ނަތީޖާއަކުން މޮޅުވެގެން ސެމީއަށް ދިއުމުގެ ފުރުސަތު، ބަންގާޅަށްވެސް އަދި އެބައޮތް.

    19:40

    މިނަތީޖާއާއެކު ރާއްޖެ މިވަނީ، ބާކީ އެއް މެޗު އޮއްވައި ސެމީއަށް ގޮސްފައި.

    19:27

    މެޗު ނިމިއްޖެ.

    19:26

    އިތުރު ވަގުތުގެ 4 މިނިޓް ހަމަވެއްޖެ.

    19:24

    ރާއްޖޭ ޓީމުން އަނެއްކާވެސް ބަދަލެއް. އިސްމާއިލް އީސަގެ ބަދަލުގައި ސުހެއިލް އަހްމަދު ކުޅެން ނުކުމެއްޖެ.

    19:23

    ރާއްޖޭ ޓީމުން ބަދަލެއް. އާއްކޮގެ ބަދަލުގައި ކުޅެން އެރީ އާދަމް އިޝާމް.

    19:22

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި 4 މިނިޓް.

    19:21

    ބަންގާޅު އޭރިޔާ ތެރޭން އީސަ ވަރަށް ރީތިކޮށް ކޮންޓްރޯލްކޮށްލާފައި، ގޯލް އޭރިޔާތެރެއަށް ސެންޓޭއަށް ދިން ބޯޅަ ސެންޓޭ ކޮންޓްރޯލް ކޮށްލާފައި ގޯލަށް ފޮނުވާލުމުގެ ކުރިން ކީޕަރު މަތަކުރީ.

    19:20

    މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ 2 މިނިޓް.

    19:15

    މި މެޗުގައި ރާއްޖެއަށް ބަންގާޅު ގޯލް ހުޅުވާލަދިނީ، ކެމްބޯޑިއާ މެޗުގައިވެސް ރާއްޖެއަށް އެޓީމުގެ ގޯލް ހުޅުވާލަދިން، އިސްމާއީލް އީސަ (މެސީ). ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދިނީ މެސީގެ އެހީތެރިކަމާއެކު އާއްކޮ.

    19:15

    މިހާރު ކުރިއަށް ދަނީ، މެޗުގެ ފަހު 10 މިނިޓްގެ ކުޅުން. ރާއްޖޭ ޓީމުން ދެ ލަނޑު ޖަހާފައިވާއިރު ބަންގާޅަށް އަދި ލަނޑެއް ޖެހޭގޮތެއް ނުވޭ.

    19:14

    ބަންގާޅު ޓީމުގެ ހުރިހާ ކުޅުންތެރީންހެން ކުރިއަށް ޖެހިގެން ރާއްޖޭ ގޯލަށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރަމުން ދަނީ.

    19:12

    ހަމްޕުއަށް ރީނދޫ ކާޑެއް. އާއްކޮ ބަންގާޅު އޭރިޔާތެރެއަށް ފޮނުވާލި ބޯޅަ ހަމްޕުއަށް ލިބުނު އިރު އޭނާ ހުރީ އޮފްސައިޑްގައި. އެހެން ނަމަވެސް ރެފްރީ ކަށިގަނޑު ފުމިފަހުން ހަމްޕު ބޯޅަ ފޮނުވާލުމުން ރެފްރީ ރީނދޫކާޑެއް ދެއްކީ.

    19:11

    ހަމްޕު ވަރަށް ރީތިކޮށް ބަންގާޅު ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އާއްކޮއަށް ލިބޭވަރެއް ނުވި. ބޯޅަ ދިޔައީ ބޭރަށް. ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް.

    19:08

    ރާއްޖޭ ޓީމުން ބަދަލެއް. ނާއްޓެގެ ބަދަލުގައި ކުޅެން އެރީ ހަމްޒާ މުހައްމަދު (ހަމްޕު)

    18:59

    ބަންގާޅު ޓީމުން ނުރައްކާތެރި ހަމަލާއެއް. ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް އެޓީމު ކުޅުންތެރިއަކު ޖައްސާލި ބޯޅަ ހޯދުމަށްފަހު، ސޯޖިބް ރާއްޖޭ ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރި. އެހެންނަމަވެސް ކީޕަރު ފައިސަލް ވަރަށް ހުށީޔާރުކަމާއެކު ޑަވްކޮށް ބޯޅަ ދަމައިގަތީ.

    18:55

    ބަންގާޅު ޓީމުން ބަދަލެއް. މިޑްފީލްޑަރު މަހްމޫދު އީމާންގެ ބަދަލުގައި ކުޅެން އެރީ މިޑްފީލްޑަރު ޝަހީދުލް އަލަމް.

    18:53

    އިސްމާއީލް އީސާ ބަންގާޅު ޑިފެންޑަރުން ކައިރިން ކަޓުވާލާފައި ބޯޅަ ހިފައިގެން އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި. ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ގެއްލުނީ.

    18:48

    އާއްކޮ ވަރަށް ރީތިކޮށް ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅައަށް އެރީ ނާއްޓޭ. ނާއްޓޭއަށް ބޯޅަ ލިބުމުގެ ކުރިން ކީޕަރު ޒިއާއުއްރަހްމާން ބޯޅަ ދިފާއުކުރީ.

    18:45

    ރާއްޖޭ ޓީމަށް އަނެއްކާވެސް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ގެއްލުނީ. މެސީ ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރެއަށް ތުރޫޕާހަކުން ފޮނުވާލީ ބޯޅަ ހޯދުމަށްފަހު ނާއިޒް ވަރަށް ރީއްޗަށް ފޮނުވާލި، އެހެންނަމަވެސް، ގޯލަށް ބޯޅަ އަމާޒެއް ނުވި.

    18:42

    ބަންގާޅު ޕެނަލްޓީ އޭރިޔާތެރެއަށް، އާއްކޮށްއަށް މެސީ ފޮނުވާލި ބޯޅަ އާއްކޮ ގޯލަށް ފޮނުވާލި. އެހެންނަމަވެސް ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    18:37

    ދެވަނަ ހާފް ފަށައިފި.

    18:22

    ފުރަތަމަ ހާފް ކުޅުން ނިމިއްޖެ.

    18:20

    ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ބަންގާޅަށް ހިލޭ ޖެހުމެއް.

    18:20

    ފުރަތަމަ ހާފުގެ އިތުރު މިނެޓުގެ ގޮތުގައި ތިން މިނެޓް ދީފި.

    18:19

    ބަންގުލަދޭޝްއިން ރާއްޖެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފި. ނަމަވެސް ޑިފެންޓަރުން ވަނީ ހަމަލާ ދިފާއުކޮށްފައި.

    18:03

    ނާއްޓެއަށް އަނެއްކާވެސް ލަނޑު ޖަހާނެ ރީތި ފުރުސަތެއް ގެއްލިއްޖެ. ނާއިޒް ވަރަށް ރީތިކޮށް ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރެއަށް ޕާސްކޮށްލި ބޯޅަ ނާއްޓެ ފޮނުވާލި ނަމަވެސް ގޯލަށް އަމާޒެއް ނުވި.

    18:02

    މެސީ ވަރަށް ރީތިކޮށް ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ތްރޫޕަހަކަށް ނާއްޓޭ އެރި. އެހެންނަމަވެސް ނާއްޓެއަށް ބޯޅ ލިބުމުގެ ކުރިން ކީޕަރު ޒިއާއުއް ރަހްމާން ބޯޅަ ދިފާއުކުރީ.

    18:01

    ބަންގާޅު ޓީމުން ބަދަލެއް. ބާބޫ އުމަރުގެ ބަދަލުގައި ކުޅެން އެރީ މިޑްފީލްޑަރު ރުބެލް މިއާ.

    17:56

    ބަންގާޅު ގޯލް އޭރިޔާ ތެރޭން މެސީ ވަރަށް ރީތިކޮށް ނަގައިދިން ހުރަހެއް ކޮންޓްރޯލް ކޮށްލުމަށްފަހު އާއްކޮ ވަރަށް ރީތިކޮށް ބޯޅަ ގޯލްތެރެއަށް ފޮނުވާލުމުން ބަންގާޅު ކުޅުންތެރީން ގޯލް ލައިންމަތިން ބޯޅަ ދިފާއުކޮށް ބޭރަށް ފޮނުވާލި. އެހެން ނަމަވެސް ރެފްރީ ދެއްކީ އޭރު ބޯޅަ ގޯލް ލައިން ހުރަސްކޮށްފައިވާ ކަމަށް.

    17:55

    ރާއްޖޭން ދެވަނަ ލަނޑު ޖަހައިފި. މިފަހަރު ލަނޑު ޖެހީ އަހްމަދު އިމާޒް (އާއްކޮ)

    17:49

    ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރޭން ނާއްޓޭ ވަރަށް ރީތިކޮށް ނަގައިދިން ހުރަސް ކޮންޓްރޯލްކޮށްލުމަށްފަހު ވަރަށް ރީތިކޮށް މެސީ ގޯލް ތެރެއަށް ފޮނުވާލި ބޯޅައެއް.

    17:49

    ރާއްޖެ ލަނޑު ޖަހައިފި. ލަނޑު ޖެހީ އިސްމާއިލް އީސާ (މެސީ)

    17:47

    ނާއިޒް ބޯޅަ ހިފައިގެން ބަންގާޅު ހާފުތެރޭން ދަނިކޮށް އެޓީމުގެ ފަހަދު މިވަނީ ނާއިޒަށް ފައުލުކޮށްފައި. ރެފްރީ އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި. ރާއްޖެއަށް ހިލޭޖެހުމެއް.

    17:42

    މެޗުގެ ފުރަތަމަ ކޯނަރު ބަނގުލަދޭޝްއަށް. އެޓީމަށް ލިބުނު ކޯނަރުން ރާއްޖޭ ގޯލްކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ ބަންގާޅު ކުޅުންތެރިއަކު ބޮލުން ޖަހައި ފޮނުވާލުމުން އަނެއްކާވެސް ރާއްޖޭ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ކޯނަރަކަށް ބޭރު.

    17:41

    ބަންގާޅު ޓީމުން ދަނީ ރާއްޖޭގެ ޑިފެންސް ލައިނަށް ޕްރެޝަރު ކުރަމުން.

    17:39

    މިއަދުގެ މެޗުގެ އޮފިޝަލުންގެ ގޮތުގައި ތިބީ އޮމާން އަދި އިންޑިއާގެ އޮފިޝަލުން. އެގޮތުން ރެފްރީއަކީ އަލީ ޔައުގޫބު (އޮމާން)، އެސިސްޓެންޓް ރެފްރީ އަލް ޖަރްދާނީ (އޮމާން)، އެސިސްޓެންޓް ރެފްރީ ސަމަރު ޕަލް (އިންޑިއާ)، ފޯތު ރެފްރީ ޕްރަނިޖަލް ބަނޭޖްރީ (އިންޑިއާ).

    17:38

    ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރެއަށް ނާއްޓޭ ހުރަސްކޮށްލި ބޯޅައަށް ނާއިޒު އެރިނަމަވެސް އޭނާއަށް ބޯޅަ ލިބޭވަރެއް ނުވި. ނާއްޓެ ނަގައިދިން ވަރަށް ރީތި ހުރަހެއް.

    17:36

    ބަންގާޅު ހާފްތެރޭން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ބަންގާޅު ޑިފެންޑަރުން ދިފާއުކުރީ.

    17:32

    މެޗު ފަށައިފި.

    17:26

    ބަނގުލަދޭޝް ޓީމުގެ ފުރަތަމަ 11:

    • ޒިއާއުއް ރަހްމާން (ގޯލްކީޕަރު)

    • ކުމާރު ކެސްޓޯ
    • ކަރީމް ރިޒާއުލް (ކެޕްޓަން)
    • އަހްމަދު ޝަކީލް
    • މަހްމޫދު އީމަން
    • ސޯޖިބް އަމީނުއް ރަހްމާން
    • ސިފަތު ޔޫސުފް
    • ބާބޫ އުމަރު ފާރޫގް
    • ފަހަދު އަތީގުއްރަހްމާން
    • ޒޯނީ މަސޫކު މިއާ
    • ބައިދުޔާ އަރޫޕް ކުމާރު
    17:24

    މެޗު ފެށުމަށް ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން މިހާރު ދަނޑަށް ނުކުމެއްޖެ.

    17:23

    މިއަދުގެ މެޗު ކުޅެނީ ޑާކާގެ ބަންގަބަންދު ނޭޝަނަލް ސްޓޭޑިއަމްގައި.

    17:18

    މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކެމްބޯޑިއާ އަތު ރާއްޖެވަނީ 2-3 ލަނޑުން މޮޅުވެފައި. އެ ދުވަހު ރާއްޖޭ ޓީމުން ބަދަލެއް ނުގެނެސް 90 މިނިޓް ހަމަކުރި ނަމަވެސް މިއަދު ވަނީ ދެ ބަދަލެއް ގެނެސްފައި. އެގޮތުން ކޯޗް ރިކީ ހާބަޓް ވަނީ، ފޯވަޑް ލައިނުގައި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ބަދަލުގައި މިއަދު މިވަނީ އަހްމަދު އިމާޒް (އާއްކޮ) ހިމަނާފައި އަދި އިބްރާހީމް ހަސީބް ބަދަލުގައި މިއަދު ޑިފެންސް ލައިނުގައި ބޭނުންކޮށްފައި ވަނީ ސަމާމް ގާސިމް.

    17:14

    ރާއްޖޭގެ ޒުވާން ޓީމުގެ ފުރަތަމަ 11:

    • ސަމޫހް އަލީ

    • އަހްމަދު އަބްދުﷲ
    • އަހްމަދު އިމާޒް
    • އިސްމާއީލް އީސާ
    • ނާއިޒް ހަސަން
    • އަސްހަދު އަލީ (ކެޕްޓަން)
    • އަލީ ފާސިރު
    • އަހްމަދު ނާޝިދު
    • ސާއިފް މުހައްމަދު
    • ސަމާމް ގާސިމް
    • މުހައްމަދު ފައިސަލް (ގޯލްކީޕަރު)