(11 ޖެނުއަރީގެ އަދަދާ ގުޅޭ)

"ދަރިފުޅު ތިޔަ ކުރިމަތިކުރުވީ ކިހާބޮޑު މައްސަލައެއް ހެއްޔެވެ؟ ދަރިފުޅުގެ ސަބަބުން ޤާފިލާގެ އެންމެން މިތިބީ ވަރަށް ކަންބޮޑުވެފައެވެ. ނަމާދު ވަގުތު ފާއިތުވަނީއެވެ. މިތަނަކުން ފެން ލިބޭކަށެއް ނެތެވެ."

އަރަހުށި މާތްاللّـهއެވަގުތު ތަޔަންމަމު ޝަރުޢުކުރެއްވުމުގެ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގައިވަނީ، މިދަންނަވާގޮތަށެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން މަސްތުވެގެން ތިބެ، ނަމާދާ ކައިރިނުވާށެވެ. އެއީ (ނަމާދުގައި) ތިޔަބައިމީހުން ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ. އަދި، މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރީން މެނުވީ ޖުނުބުވެރިވެގެންވާ ޙާލުގައިވެސް ތިޔަބައިމީހުން ހިނައިގެންފުމަށް ދާންދެން، ނަމާދު ނުކުރާށެވެ. އަދި ތިޔަބައިމީހުންނީ ބަލިވެއުޅޭ މީހުން ކަމުގައިވާނަމަ، ނުވަތަ، ދަތުރެއްގެ މަތީގައިވާނަމަ، އަދި ކުޑަގެފިލި ނުވަތަ މާގެފިލީން އަވަދިވެގެން، ތިޔަބައިމީހުންކުރެ މީހަކު އަތުވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުން އަންހެނުންގައި ބީހިއްޖެނަމަ، އަދި ތިޔަބައިމީހުންނަށް ފެން ނުލިބިއްޖެނަމަ، ސާފުޠާހިރު ވެލި، ތިޔަބައިމީހުން ޤަޞްދުކޮށް، އެ ވެލީން ތަޔަންމަމު ކުރާށެވެ! ފަހެ ތިޔަބައިމީހުންގެ އަތްތަކާއި މޫނުތަކުގައި (އެވެލީން) ފުހޭށެވެ! ހަމަކަށަވަރުންاللّـهއީ، ޢަފޫކުރައްވާ، ފާފަފުއްސަވާ ރަސްކަލާނގެއެވެ.(النّساء: 43)

ކީރިތި ޤުރްއާނުގެ މި ޙުކުމް އަޑުއިވިވަޑައިގަތުމާއެކު، އޭގެކުރިންأمّ المؤمنينއާމެދު ޝަކުވާ ކުރައްވަމުން ގެންދެވި ދޫފުޅުތަކުން އެކަމަނާއަށް ތާރީފާއި ޘަނާ އޮއްސަވަން ފައްޓަވައިފިއެވެ. ޤަދަރުވެރި މަޝްހޫރު ޞަޙާބީأسيد بن حضير رضى اللّـه عنــهވިދާޅުވިއެވެ. "މިއީأبوبكرގެފާނުގެ އާލުންގެ ފަރާތްޕުޅުން މިއުންމަތަށް ލިބުނު އެންމެ ފުރަތަމަ އިޙްސާންތެރިކަމެއް ނޫނެވެ. މީގެއިތުރަށްވެސް ވަރަށްގިނަ އިޙްސާންތެރިކަން ވަނީ ލިބިފައެވެ."

أبوبكر الصّدّيق رضى اللّـه عنــهތަޔަންމަމުގެ އާޔަތް ބާވައިލެއްވުމުގެ ކުރީން ގެންދެވީ އެކަލޭގެފާނުގެ ދަރިކަނބަލުންނާ ދިމާޔަށް ހިތްޕުޅާ ހަމަނުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް، އެ އާޔަތުގެ އަޑު އިވިވަޑައިގަތުމާއެކު، ހިނިފުޅުވެޑުވިއްޖެއެވެ.أبوبكرގެފާނު،أمّ المؤمنينއާ މުޚާޠަބުކުރައްވައި ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ދަރިފުޅަކީ ތިޔަހައި ބަރަކާތްތެރި މާތް ކުއްޖެއްކަމެއް ބައްޕަޔަކަށް އެނގިފައެއް ނުވެއެވެ. ޤިޔާމަތާ ޖެހެންދެންވެސް މިއުންމަތަށް ނުހަނު ބޮޑު ލުއިފަސޭހައެއް ކަމުގައިވާނެ ޙުކުމެއް ދަރިފުޅުގެ ސަބަބުން، މިވަނީ މަތިވެރި ޢަރްޝިފުޅުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލައްވައިފައެވެ. ދަރިފުޅާއެވެ. އުފާކުރާށެވެ! ފަރިވެ ފޮޅޭށެވެ! އަރަހުށި މާތްاللّـهދަރިފުޅާހުރެ މިއުންމަތަށް މިދެއްވީ ކިހާބޮޑު ލުއިފަސޭހައެއް ހެއްޔެވެ؟"

ނަމާދަށްފަހު މުސްލިމުން ދަތުރު ފެށުމަށްޓަކައި ޖަމަލުތައް ނެގުމުން، ވަނީأمّ المؤمنينގެ އަބާރަނަކޮޅުވެސް ފެނިފައެވެ. ޖަމަލެއްގެ ބަނޑުދަށުގައި އޮއްވައެވެ.

ހުވަފަތްވެވަޑައިގަތުން

ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުގައި އުޅުއްވީ، ތޭރަ ދުވަހުއެވެ. އޭގެތެރެއިން އެންމެފަހުގެ އަށްދުވަސް ހޭދަކުރެއްވީ،أمّ المؤمنينގެ ކޮޓަރިކޮޅުގައެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާމެދު ބެހެއްޓެވި ޢަދުލުވެރިކަން ލާޒިމުކުރާގޮތުން، އެކަލޭގެފާނުގެ އާލާސްކަންފުޅުގެ ކުރީކޮޅުގައި، އެކިދުވަހު އޮންނެވީ އެކި އަނބިކަނބަލުންގެ ކޮޓަރިކޮޅުގައެވެ. ކޮންމެ ދުވަހަކުވެސް ވިދިގެން އަންނަ ދުވަހު، އެކަލޭގެފާނު ވަޑައިގަންނަވަންޖެހޭ ކޮޓަރިކޮޅަކީ ކޮބައިތޯ ސުވާލުކުރައްވައެވެ. އެހެންކަމުން، ހުރިހާ އަނބިއަނބިކަނބަލުންނަށްވެސް، އިތުރު ސާހިބާ އެ ސުވާލުކުރެއްވުމުގެ ބޭނުންފުޅަކީ،عائشةގެފާނުގެ ކޮޓަރިކޮޅަށް ވަޑައިގަތުންކަން ވިސްނިވަޑައިގެންނެވިއެވެ. އެހެންކަމުން، އެބޭކަނބަލުން އިއްތިފާޤުވެވަޑައިގެން ކައުސާހިބާعائشةގެފާނުގެ ކޮޓަރިކޮޅަށް ވަޑައިގަތުމުގެ ހުއްދަ ދެއްވިއެވެ.

ޢާއްމު ލިޔުންތެރީންގެ ނަޒަރުގައި، ކައުސާހިބާصلّى اللّـه عليه وسلّمعائشةގެފާނުގެ ކޮޓަރިކޮޅަށް ވަޑައިގަންނަވާން އެދިވަޑައިގަތުމުގެ ސަބަބަކީ، ކައުސާހިބާގެ ހިތްޕުޅުގައިعائشةގެފާނުގެ މައްޗަށް އޮންނަ ލޯބިފުޅެވެ. ނަމަވެސްأمّ المؤمنين السّيّدة عائشة رضى اللّـه عنــهاއަށް ލިބިވަޑައިގެންފައިވާ ފިޠުރީ ވިސްނުންފުޅު ތޫނުކަމާއި، ހަނދުމަފުޅު ގަދަކަމާއި، ކަންތައްތައް ވިސްނިވަޑައިގަތުން އަވަސްކަމާއި، އިޖްތިހާދުގެ ޤާބިލިއްޔަތާމެދު ފިކުރު ހިންގައިލުމުން، ކައުސާހިބާعائشةގެފާނުގެ ކޮޓަރިކޮޅަށް ވަޑައިގަންނަވަން ބޭނުންފުޅުވި ސަބަބު ވިސްނައިގަތުމަކީ ކުޑަކޮށްވެސް އުނދަގޫކަމެއް ނޫނެވެ.

ކައުސާހިބާصلّى اللّـه عليه وسلّمعائشةގެފާނުގެ ކޮޓަރިކޮޅަށް ބަދަލުވެވަޑައިގަތުމުގެ ބޭނުންފުޅެއްކަމުގައި އިތުބާރުހުރި ޢިލްމުވެރިން ވިދާޅުވަނީ، އެކަލޭގެފާނުގެ އެންމެފަހުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް، އޭގެ އެންމެ ކުދިކުދި ތަފްޞީލުތަކާއެކު، އެކަލޭގެފާނުގެ އުންމަތުގެ އަންނަނިވި ޖީލުތަކަށް ނަޤުލުކޮށްދެއްވުމެވެ. އެކަން ޚަޒާނާކުރެވި، މިއުންމަތަށް ވާޞިލުވީ،أمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ސިކުނޑިފުޅުންނެވެ.

ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުގައި އުޅުއްވި ދުވަސްވަރު،أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއަށް އެކަމަނާގެ ކޮޓަރިކޮޅަށް ތިންހަނދު ވެއްޓުނީތީ ހުވަފެންފުޅުން ފެނިވަޑައިގެންނެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެވަޑައިގެން، އެކަމަނާގެ ކޮޓަރިކޮޅުގައި ފަސްދާނުވެޑުވުމުން،أبوبكرގެފާނު ވިދާޅުވިއެވެ. ދަރިފުޅުގެ ކޮޓަރީގައި އެންމެފުރަތަމަ އަދި އެންމެ އަލިގަދަ ހަނދު ފަސްދާނުވެޑުވުނީއެވެ.أمّ المؤمنينގެ ހުވަފެންފުޅު މުޅީން ސީދާވީ،أبوبكرގެފާނާއިعمرގެފާނުވެސް އެކޮޓަރިކޮޅުގައި ފަސްދާނުލެވުމުންނެވެ.

ކައުސާހިބާ ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅާ އުޅުއްވިއިރު، އެކަލޭގެފާނުގެ ހާލުކޮޅު ބެއްލެވީأمّ المؤمنين السّيّدة عائشة رضى اللّـه عنــهاއެވެ. އިތުރު ސާހިބާ ސުވަރުގެވަޑައިގަތީ، އެކަމަނާގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައެވެ. ސުވަރުގެވަޑައިގަތުމުން ފަސްދާނުވެޑުވުނީ، އެކަމަނާގެ ކޮޓަރިކޮޅުގައެވެ. އިތުރު ސާހިބާއަށްފަހުأمير المؤمنين أبوبكر رضى اللّـه عنــهއާއިأمير المؤمنين عمر رضى اللّـه عنــهވެސް ފަސްދާނުލެވުނީ، އެކަމަނާގެ ކޮޓަރިކޮޅުގައެވެ. މިއީ އެހެން އެއްވެސް ބޭކަނބަލަކަށް ލިބިވަޑައިނުގަންނަވާ ޝަރަފެކެވެ.

ސިޔާސީ މައިދާނުގައި

ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެވަޑައިގަތުމަށްފަހު، ދެއަހަރާއި ކުޑަދުވަސްކޮޅެއް ވަންދެންأمّ المؤمنينގެ ބައްޕާފުޅުأبوبكر رضى اللّـه عنــهޚަލީފާކަމުގެ މަޤާމުގައި ހުންނެވިއެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު،عمر رضى اللّـه عنــهދިހައަހަރު ވަންދެން ޚިލާފަތުގެ މަސްއޫލިއްޔަތު އަދާކުރެއްވިއެވެ. އެ ދެބޭކަލުންގެ ޒަމާނުގައި،أمّ المؤمنينސިޔާސީ އެއްވެސްކަމަކާ ބެހިވަޑައިގެންނެވިކަމެއް، ތާރީޚީގޮތުން ސާބިތުވާކަށެއް ނެތެވެ.

أمير المؤمنين عثمان رضى اللّـه عنــهގެ ޚިލާފަތުގެ އެންމެ ފުރަތަމަ ހައަހަރު ވޭތުވެގެންދިޔައީ، އަމަންއަމާންކަމާއި ހަމަހިމޭންކަމުގައެވެ. ނަމަވެސް، އެއަށްފަހު ބަޔެއް މީހުންގެ ހިތުގައިعثمان رضى اللّـه عنــهގެ ބަޔެއް އުސޫލުތަކާމެދު ޝަކުވާ އުފެދެން ފަށައިފިއެވެ.أمّ المؤمنينގެ ޙައިޘިއްޔަތުން ބަޔެއް މީހުންعائشةގެފާނުގެ އަރިހަށްعثمانގެފާނުގެ ޝަކުވާތަކާއިގެން އަންނަމުން ދިޔައެވެ. އެކަމަށް ކެތްތެރިވުމަށާއި އިސްލާމީ އުންމަތް ބައިބައިކުރުމުން އެއްކިބާވުމަށް އެކަމަނާ އެބައިމީހުންނަށް ނަސޭހަތް ދެއްވަމުން ގެންދެވިއެވެ.

ހިޖްރައިން ތިރީސްފަސްވަނަ އަހަރުގެ ޙައްޖުމަހު (މީލާދީން 656 ވަނަ އަހަރުގެ ޖޫންމަހު) ބާޣީންأمير المؤمنين عثمان رضى اللّـه عنــهޝަހީދުކޮށްލިއެވެ. އެ ފިތުނައިގެ ދުވަސްވަރު،أمّ المؤمنينއިންނެވީ، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި، ވަޑައިގެން މައްކާގައެވެ.أمير المؤمنين عثمان رضى اللّـه عنــهޝަހީދުވުމަކީ އިސްލާމީ އުންމަތަށް ކުރިމަތިވި ވަރަށްބޮޑު ހިތާމައެކެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން،أمّ المؤمنينގެ ހިތްޕުޅަށްވެސް ވަރަށްބޮޑަށް ދަތިކަން ލިބިވަޑައިގެންނެވިއެވެ.

أمير المؤمنين عثمان ذوالنّورين رضى اللّـه عنــهޝަހީދުވުމަށްފަހު، މުސްލިމުން ޚަލީފާކަމުގެ ބައިޢަތު ހިފީ،أمير المؤمنين على كرّم اللّـه وجههގެ އަތްޕުޅުމައްޗަށެވެ.علىގެފާނުގެ ޚަލީފާކަމުގައި ހިނގި މަޝްހޫރު ޖަމަލު ހަނގުރާމައިގައިأمّ المؤمنين السّيّدة عائشة رضى اللّـه عنــهاބައިވެރިވެވަޑައިގެންނެވިއެވެ. މުސްލިމުންގެ ދެ ޖަމާޢަތެއްގެ މެދުގައި ޞުލްޙަވެރިކަން ޤާއިމު ކުރެއްވުމަށްޓަކައެވެ. އެ ހަނގުރާމައިގެ ތަފްޞީލުތައް އޮޅުންފިލުއްވަން ބޭނުންފުޅު ބޭފުޅުން، އަޅުގަނޑު ލިޔެފައިވާ ފޮތެއްކަމުގައިވާ "الخلفاءالرّاشدونގެ ތެރެއިންعلى بن أبى طالب رضى اللّـه عنــه" މިފޮތް ވިދާޅުވުން އެދެމެވެ.

أمّ المؤمنين-ޢާލިމާއެއްގެ ގޮތުން

أمّ المؤمنين السّيّدة عائشة رضى اللّـه عنــهاބޮޑުފުޅުވީ އެކަމަނާގެ މާތް ބައްޕާފުޅުأبوبكر الصّدّيق رضى اللّـه عنــهގެ ޢިނާޔަތުގެ ދަށުގައެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި އެކަމަނާ ނުވައަހަރު ހޭދަކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއަންހެނުންނަށް ތަޢުލީމު ދެއްވައި، ޢިލްމު އުނގަންނައިދެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. ޚާއްޞަކޮށް، ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ތައްޔާރުކުރެއްވީ، މުސްލިމް އަންހެންދަރީންގެ އެދުރުބޭކަނބަލުންގެ ޙައިޘިއްޔަތުންނެވެ. އެހެންކަމުން،عائشةގެފާނުގެ ޢިލްމީ ޤާބިލިއްޔަތު ނުހަނު މަތިވެރިއެވެ. ކައުސާހިބާއަށްފަހު،الخلفاءالرّاشدونގެ ދައުރުގައިވެސް، އެކަމަނާއަކީ ފަތުވާދެއްވުމުގެ ހުއްދަ ލިބިވަޑައިގެންފައިވާ ދަރަޖަ މަތިވެރި ޢާލިމާއެކެވެ.

(ނުނިމޭ)