14 Jan 2016, 16:51
ރ. މަޑުއްވަރީގެ މަސް ކައްކާ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
ރޭ ދަންވަރު 1:40 ކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވެފައި ވަނީ އެރަށު "ވީނަސް" ގެއަށެވެ. އެ ހާދިސާގައި މީހަކަށް އަނިޔާއެއްނުވެ އެވެ.
މަޑުއްވަރީ ކައުންސިލްގެ ރައީސް ހަސަން އަބްދުއްރަހީމް މިއަދު ސަން އަށް ވިދާޅުވީ އެއަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ މަސް ކެއްކުމަށް ފަހު އުނދުން ނިވާނުލާ ހުރުމުގެ ސަބަބުން ފެތުރުނު އަލިފާން ގަނޑެއްގެ ސަބަބުން ކަމަށެވެ.

މަޑުއްވަރީ ވީނަސް ގޭގައި އަނދާފައި-- ސަން ފޮޓޯ: ހަސަން އަބްދުއްރަހީމް
އެ އަލިފާނުގެ ހާދިސާގައި އެގޭ ބަދިގެއާއި ގުދަނެއްގެ އިތުރުން އެގޭގެ ދެ ކޮޓަރިއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. ލިބުނު ގެއްލުން ތިން ލައްކައަށް އަރާކަމަށް ގޭގެ ވެރިފަރާތާއި ހަވާލާދީ ހަސަން ވިދާޅުވި އެވެ.
"ގޭގެ ދެބައި ކުޅައެއްބައި ކަރަންޓް އަނދާފައި ވަނީ. ގޭގެ ވެރިފަރާތުން ބުނަނީ ތިން ލައްކަ ރުފިޔާގެ ގެއްލުމެއް ކަމަށް،" ހަސަން ވިދާޅުވި އެވެ.
ރޭ ދެންވަރު 1:40ގައި ރޯވި އެއަލިފާންގަނޑު ނިއްވާލެވިފައި ވަނީ ރައްޔިތުންގެ މަސައްކަތުން 3:30 ކަންހާއިރު ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.