14 Jan 2016, 16:34
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާއިމީކޮށް ގޭ ބަންދަށް ބަދަލު ކުރި ކަމަށް ބުނެ އޭނާ އަށް ލިބުނު ލިޔުމާއި ގުޅިގެން ފުލުހުން ނަޝީދާއި ސުވާލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ލިޔުމުގެ މައްސަލައާ ގުޅިގެން ފުލުހުން ރައީސް ނަޝީދާއި ސުވާލު ކުރަމުންދާ ކަމަށެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިކަން އެމަނިކުފާނަށް އަންގާ ލިޔުން ހަވާލު ކުރާނެ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ސަރުކާރުން ބުނެފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ ނަޝީދު ޖަލުގައި ހައްޔަރުކުރުމުގެ ސަބަބުން ދިވެހިރާއްޖެ އަށް ދިމާވި ސިޔާސީ ހަލަބޮލިކަމުން އަރައިގަނެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް ޖޫން މަހުން ފެށިގެން ނަޝީދު ގެއަށް ބަދަލު ކުރުމަށް ފަހު އަނބުރާ ޖަލަށް ގެންދަންދެން ސަރުކާރާ އެކު މަޝްވަރާ ކުރަމުން ދިޔަ ކަމަށެވެ.
ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމާއި އެކު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ގެއަށް ބަދަލުކުރި ކަމަށް ބުނާ ލިޔުމުގެ މައްސަލަ ވީހާވެސް އަވަހަކަށް ބަލާ ނިންމަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ނަޝީދަށް ކަރެކްޝަންގެ ފަރާތުން ދިން ލިއުމަކީ ސައްހަ އެއްޗެއްތޯ ބެލުމަށް ކަރެކްޝަންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 24 ގަ އެވެ. އެދުވަހުން ފެށިގެން މިހާތަނަށް ދިޔަ އިރު ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އޭރު ފުލުހުން ވިދާޅުވީ "އެ ލިޔުމުގެ ސައްހަކަން ބެލުމަށް މިހާރު ތަހުގީގު ފަށާފައިވާ" ކަމަށެވެ.
އޭގެ އިތުރުން ނަޝީދުގެ 13 އަހަރު ދުވަހުގެ ޖަލު ހުކުމް އެއްކޮށް "މައާފު" ކޮށްފައިވާ ކަމަށް ބުނާ ލިޔުމުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.