14 Jan 2016, 16:54
އަބޫދާބީ (ޖެނުއަރީ 14): އައިއެސްއާ އަލްގައިދާ އިން އަމަލު ކުރަނީ އިސްލާމްދީނުގައިވާ ގޮތާއި ހިލާފަށް ކަމަށް އަރަބި އަދި އުތުރު އެފްރިކާގެ ގިނަ މުސްލިމް ޒުވާނުން ގަބޫލުކުރާ ކަމަށް އާދިރާސާ އަކުން ދައްކައިފި އެވެ.
ޒޮގްބީ ރިސާޗް ސާވިސްއިން 5374 މުސްލިމް ޒުވާނުން ހިމަނައިގެން އެ ދިރާސާ ހެދީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު އެވެ. އަދި ދިރާސާގައި މޮރޮކޯއާއި މިސްރާއި ސައުދީ އަރަބިއާއާއި ޔޫއޭއީއާއި ބަހުރެއިންއާއި ކުވެއިތާއި އުރުދުންނާއި ފަލަސްތީނުން 15 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުން ބައިވެރިވި އެވެ.
"ދިރާސާގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައި ޒުވާނުން ދެކޭ ގޮތުގައި އައިއެސްއާއި އަލްގައިދާ ފަދަ ޖަމާއަތްތަކުން އިސްލާމްދީނުގެ ކިޔަވާދިނުންތަކަށް ގިނަ ފަހަރު ނުވަތަ އެއްވެސް ފަހަރަކު އަމަލުނުކުރޭ،" ދިރާސާ ހެދި ފަރާތްތަކުން ބުންޏެވެ.
މޮރޮކޯއާއި ޔޫއޭއީ އިން ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 90 ޕަސެންޓް ޒުވާނުން ދެކޭ ގޮތުގައި އައިއެސްއާއި އަލްގައިދާ ފަދަ ޖަމާއަތްތަކުން އަމަލު ކުރަނީ "އިސްލާމްދީނާއި މުޅިން ދެކޮޅަ"ށެވެ. މިސްރުގެ 83 ޕަސެންޓް ޒުވާނުންނާއި ބަހުރެއިންނާއި އުރުދުންގެ 60 ޕަސެންޓް ޒުވާނުން ވެސް ދެކެނީ އެފަދައިންނެވެ.
ދިރާސާގައި ބައިވެރިވި ފަލަސްތީނާއި ސައުދީ އަރަބިއާގެ 55 ޕަސެންޓް ޒުވާނުން ވެސް ދެކެނީ އައިއެސް ފަދަ ޖަމްއިޔާތަކުން އަމަލު ކުރަނީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތައް ނޫން ކަމަށެވެ. (ސައުދީ ގެޒެޓް)