15 Jan 2016, 13:40
ރާނބާ ފަތަކީ ކާ އެއްޗެހީގައި މީރު ރަހަ ލެއްވުމަށް ސައުތު އޭޝިއާ ސަރަހައްދުގައި އާއްމުކޮށް ބޭނުންކުރާ ފަތެކެވެ. ބުރަ މަސައްކަތަކާއި ނުލައި ވެސް، ގޯތި ތެރޭގައި ހައްދާލެވޭ އެ ގަސް ގިނަ މީހުންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ އޭގެ މީރު ރަހަ އާއި ވަހުންނެވެ.
އެހެންނަމަވެސް އިނގޭ ހެއްޔެވެ؟ މީރު ވަހާއި ރަހައިގެ އިތުރުން ވެސް ރާނބާ ގަހަކީ ސިއްހީ އެތަކެއް ފައިދާ ތަކެއް ލިބިދޭ ގަހެކެވެ.
ރާނބާ ފަތުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ހޯދުމަށް އެ ފަތުން ޖޫސް ނުވަތަ ސައިވެސް ތައްޔާރު ކޮށްލެވިދާނެ އެވެ.
ރާނބާ ފަތުގެ ޖޫސް ތައްޔާރު ކުރުމަށް، ފެން އެއްޗަކަށް އޭގެ ފަތް ކޮޅެއް (ރަހަ ލާ ވަރަށް ) އެޅުމަށް ފަހު ރަނގަޅަށް ކައްކާލާށެވެ. އެގޮތުން ފަތުގައި ހުންނަ ތެޔޮތައް ނުކުންނަން ދެން، 10 ވަރަކަށް މިނެޓު ގަދަ ގިނީގައި ކައްކާލާށެވެ.
ދިހަ މިނެޓު ހަމަވުމުން އަނެއްކާ ވެސް މަޑު ގިނީގައި ދިހަ މިނެޓު ވަންދެން ކައްކާލާށެވެ. ޖުމްލަ 20 މިނެޓު ކެއްކުމަށް ފަހު ފަތްތައް ނަގާށެވެ. އަދި އެއަށް ފަހު ފެންކޮޅު ހިހޫ ކުރަން ބަހައްޓާށެވެ. ފެންކޮޅު ހިހޫ ވުމުން، ފުޅި އަކަށް އަޅާ ފުރިޖަށް ލާށެވެ.
މި ތައްޔާރު ކުރި ރާނބާ ފެން ނުވަތަ ޖޫސް، ވަރަށް ގިނަ ކަންކަމަށް ފަރުވާ ހޯދުމަށް ބޭނުން ކުރެވިދާނެ އެވެ.
ފާހާނާ ކުރުމަށް ދަތިވާ ނަމަ:
ފާހާނާ ކުރުމަށް ދަތިވާ ނަމަ ރާނބާ ޖޫސް އެކަމަށް ހައްލެއް ހޯދައި ދޭނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް އަދި ރޭގަނޑު ވެސް ރާނބާ ޖޫސް ބޭނުން ކުރާށެވެ.
ހަޖަމް ކުރުމުގެ މައްސަލަތަކަށް:
ހަޖަމް ކުރުމުގައި މައްސަލަ ޖެހި ބަނޑުގައި ރިއްސާ މީހުން ވެސް ވަކި މަދެއް ނޫނެވެ. ރާނބާ ޖޫހަކީ އެކަމަށް ވެސް އޮތް ހައްލެކެވެ.
ކާ ހިތް ނުވާ މީހުންނަށް:
ބަލިވެ އުޅޭ އިރު ކެއުމާ ދުރުވުން ނުވަތަ ކާ ހިތް ނުވުމަކީ ބައެއް ފަރާތްތަކުން ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ. އެހެންވުމުން ބަލިން ފަސޭހަ ވުމަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.
އެފަދަ ފަރާތްތަކުން ވެސް ރާނބާ ފަތް ޖޫސް ބުއިން ވަރަށް މުހިއްމެވެ. އެ ޖޫސް ބުއިމުން ކާހިތްވެ ކެއުމާ ގަޔާވާނެ އެވެ.
ހަކަތަ ހޯދުމަށް:
ރާނބާ ޖޫސް ބުއިމުން ހަށިގަނޑަށް ހަކަތަވެސް ލިއްބައި ދެއެވެ. އެހެންކަމުން ބަލިވެ އުޅޭއިރު ވެސް ރާނބާ ޖޫސް ބޯށެވެ. ހާއްސަކޮށް ވިހައިގެން އުޅޭ ފަރާތްތަކުން ވެސް ހަކަތަ ހޯދުމަށް ރާނބާ ޖޫސް ބޭނުން ކުރެވިދާނެ އެވެ.
ހުން އައުމުންވެސް:
ގަދަ ހުމެއް ޖެހި ހަށިގަނޑުގެ ހޫނުމިން މަތި ވުމުންވެސް ރާނބާ ޖޫސް ބޭނުން ކުރެވިދާނެއެވެ. ރާނބާ ޖޫސް ބުއިމުން ހަށިގަނޑުގެ ޓެމްޕަރޭޗާ ދަށް ކޮށްދޭނެއެވެ. ހަމައެހެންވެ މޭގައި ރިއްސުމާއި ކެއްސުމަށްވެސް ލުއި ކަމެއް ލިބޭނެ އެވެ.
ބޮލުން ހަން ފޮޅުމަށް ވެސް ހައްލެއް:
ބޮލުން ހަން ފޮޅޭ މައްސަލަ ދިމާވާ ފަރާތްތަކަށް ވެސް ރާނބާ ޖޫސް ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ރާނބާ ޖޫސް ބޭނުންކޮށްގެން އިސްތަށިގަނޑު ދޮންނާށެވެ. ހޮންފޮޅުމާއެކު އިސްތަށި ފޭބުމަށްވެސް ހައްލު ލިބޭނެއެވެ.
އަނގައިން ނުބައި ވަސް ދުވާ ނަމަ:
އަނގައިން ނުބައި ވަސް ދުވާ މައްސަލައަށް ވެސް ރާނބާ ފަތް ހައްލު ހޯދައިދެ އެވެ. އެގޮތުން ރާނބާފަތް ކެއުމުން އަނގައިން ދުވާ ނުބައި ވަސް ކަނޑުވާލަދީ ހިރުގަނޑު ދުޅަވެ ލޭ އައުމަށް ވެސް ހައްލު ލިބޭނެ އެވެ.
ހުޅުހުޅުގައި ރިއްސާނަމަ ރާނބާ ފަތް:
ހުޅުހުޅުގައި ރިއްސުމާއި، މަސްގަނޑު ވީދައިގެން ދިއުމުން ވާ ތަދު ކަނޑުވާލުމަށް ވެސް ރާނބާ ފަތް އެހީތެރިވެދެ އެވެ. އެގޮތުން ރާނބާ ފަތްކޮޅެއްގައި ކާށި ތެޔޮ ކޮޅެއް ހޭކުމަށް ފަހު ތަދުވާ ހުޅެއްގައި ނުވަތަ މަސްގަނޑެއްގައި އައްސާލާށެވެ. ތަދަށް ލުއި ކަމެއް ލިބޭނެ އެވެ.
އެހެންކަމުން ރާނބާ ފަތަކީ ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް