14 Jan 2016, 16:16
ރާއްޖެއަށް މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައި އަދަދަށް ވުރެ 15 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 119255 ޓޫރިސްޓުންނެވެ. އަދި އެއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 15 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ މެޖޯރިޓީއަކީ 53.7 ޕަސެންޓާ އެކު ޔޫރަޕް މީހުންނެވެ. އެއީ 2014 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޔޫރަޕްމީހުންނަށް ވުރެ 22.8 ޕަސެންޓް އިތުރު އަދަދެކެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ދުނިޔޭގެ އެހެން ސަރަހައްދުތަކުން ޒިޔާރަތްކުރާ މީހުންނަށް ވުރެ މަދު ކަމަށާއި އެހެން ނަމަވެސް އެ ސަރަހައްދުން ޒިޔާރަތްކުރި މީހުންގެ އަދަދު ވެސް ޑިސެމްބަރު މަހު 2.4 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އަށް ޒިޔާރަތްކުރި މީހުންގެ އަދަދު މިދިޔަ ޑިސެމްބަރު މަހު ވަނީ 38 ޕަސެންޓް އިތުރުވެފަ އެވެ. އަދި އެމެރިކާ ސަރަހައްދުން ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ ކުރީ އަހަރާ އަޅާ ބަލާއިރު 21.3 ޕަސެންޓް އިތުރުވެފަ އެވެ. އަދި އެފްރިކާ ސަރަހައްދުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 40 ޕަސެންޓް އިތުރުވެފަ އެވެ.
މިދިޔަ އަހަރު، މުޅި އަހަރު ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 2.4 ޕަސެންޓަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ ޖުމްލަ 1234248 މީހުންނެވެ. އަދި 2014 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 1204857 މީހުންނެވެ.