ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ދޫކުރަން ނިންމާފައިވާ 50 މިލިއަން ރުފިޔާގެ "އެސްއެމްއީ" ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގެ އާދިއްތައިން ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްއެމްއީ ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ، އެ ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި އޮންނާނެ ކަމަށާއި އެޕްލިކޭޝަން ފޯމް، އިކޮނޮމިކް މިނިސްޓްރީންނާއި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހަ ބިޒުނަސް ސެންޓަރުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ ކަމަށެވެ.

އަށާރަ އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް އެ ލޯނަށް އެދެވޭއިރު އަންހެނުންނާއި ޒުވާނުންގެ އިތުރުން ރާއްޖެއަށް އެތެރެކުރާ މުދަލެއް ރާއްޖޭގައި ތައްޔާރު ކުރަން ލޯނަށް އެދޭ ފަރާތްތަކަށާއި މާލެ، ވިލިމާލެ، ހުޅުމާލެ ނޫން ސަރަހައްދުތަކުގައި ވިޔަފާރި ފެށުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ތިމާވެށި ހިމާޔަތްކުރެވޭ ގޮތަށް މަސައްކަތްކުރަން ރާވާފައިވާ ފަރާތްތަކަށް އިތުރަށް މާކްސް ލިބިގެންދާނެ ކަމަށް ފިރުޝާން ވިދާޅުވި އެވެ.

އެ ލޯނުގައި ރަހުނެއް ބަހައްޓަން ނުޖެހޭއިރު ލޯނުގެ އިންޓްރެސްޓަކީ އަހަރަކު ނުވަ ޕަސެންޓެވެ. ނަމަވެސް އެ ލޯނުން ގަންނަ މުދާ އެލޯން ދައްކާ ނިމެންދެން "މޯގޭޖް" ކުރެވޭނެ ކަމަށް ފިރުޝާން ވިދާޅުވި އެވެ.

އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ގިނަ ބަޔަކު ހިއްސާވާ ވިޔަފާރިތަކަށް ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 1.5 މިލިއަން ރުފިޔާއެވެ.

ލޯން ދޫކުރާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ދަތުރު ފަތުރާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާއި ކޯޕަރޭޓިވް ތަކާއި ހިދުމަތްދޭ ފަރާތްތަކާއި ވޭސްޓްމެނޭޖްމަންޓް ދާއިރާ ހިމެނެއެވެ.

ފިރުޝާން ވިދާޅުވީ، އެ މިނިސްޓްރީގެ އަމާޒަކީ ތިން ވަރަކަށް މަސްތެރޭގައި ފައިސާ ދޫކުރަން ކަމަށެވެ. ފައިސާ ދޫކުރާނީ އެކި ބައިބަޔަށް ބަހާލައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސް ވިދާޅުވީ، އެސްއެމްއީ ލޯނަކީ ޒުވާނުންނަށް އަމާޒު ކުރެވިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ދޫކުރަން ނިންމާފައިވާ ލޯނެއް ކަމަށެވެ.