މަގުބޫލު އުޒުރެއް ނެތި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އަށް ހ. ހިލްޓަން މުހައްމަދު އިންތިފް ރައޫފް އިންކާރުކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އިންތީފް ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ. އޭނާގެ ގާނޫނީ ވަކީލު ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީ ވެވޭނީ އެ މައްސަލައިގެ ލިޔުންތައް ލިބުމުން ކަމަށެވެ.

ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އިންތިފް ރައޫފްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މއ. ގޯލްޑަންބީމް ގެއަށް ފުލުހުންނާއި ސިފައިން ވަނުމުން އެގޭ ސިޑިކޮޅިން އިންތިފް ވައްޓާލި ނުރައްކާތެރި ހަތިޔާރަކީ އޭގެއިން ޝޫޓުކޮށްފިނަމަ މީހަކަށް ގެއްލުމެއް ލިބިދާނެ ފަދަ ހަތިޔާރެއްކަމަށް އެމްއެންޑީއެފްގެ އޯޑިނަންސް އިން ތައްޔާރުކުރި ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ އެ މައްސަލާގައި ހިމެނޭ ލިޔުންތައް ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދައުލަތަށް ދިނުމަށްފަހުއެވެ.

އެ މައްސަލަ ސާބިތުވެއްޖެނަމަ ހަ މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދުގެ ހުކުމެއް އޭނާއަށް އަންނާނެ އެވެ.