14 Jan 2016, 14:24
ރާބިތަތުލް ޢާލަމުލް އިސްލާމީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން، ދިވެހިރާއްޖޭގެ އިލްމުވެރިންނާއި ހަތީބުން އަދި އިމާމުންނަށް ހާއްްސަކޮށްގެން ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަަ ވޯކްޝޮޕް ނިންމާލައިފި އެވެ.
ވޯކްޝޮޕް ނިންމުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، ވޯކްޝޮޕް ފުރިހަމަ ކުރި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
ދިވެހި އިމާމުންނާއި އިލްމުވެރިންނަށް ބޭއްވި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ: އަލީ ނަސީރު
މި ވޯކްޝޮޕްގައި ކީރިތި ގުރްއާނުގެ ތަފްސީރާއި، ޒަމާނީ ފިގުހީ މައްސަލަތަކާއި އިސްލާމީ ސަގާފަތާ ޙަޟާރާތުގެ މައްސަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފަ އެވެ. އޭގެ އިތުރުން ރާއްޖޭގައި ހިލާފު އުފެދިފައިވާ ބައެއް ދީނީ މައްސަލަތަކާ ގުޅިގެން ކޮންމެ ދުވަހަކު ވެސް "އަދަބުލް ޚިލާފް"ގެ ނަމުގައި ސެޝަނެއް ނަގައިދީ އެ ސެޝަންތަކުގައި މައްސަލަ ހައްލު ކުރުމަށް އަމަލު ކުރެވިދާނެ އުސޫލުތަކެއް ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ އުނގަންނައިދީފަ އެވެ.
ވޯކްޝޮޕްގައި ބައިވެރިވެވަޑައިގެންނެވި އިލްމުވެރިން ވަނީ ނިމިގެން ދިޔަ ވޯކްޝޮޕަކީ ވަރަށް ފައިދާ ހުރި މައުލޫމާތު ތަކެއް ލިބިގެން ދިޔަ ވޯކްޝޮޕެއްކަން ފާހަގަކުރައްވައިފައެވެ.
ދިވެހި އިމާމުންނާއި އިލްމުވެރިންނަށް ބޭއްވި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހްމަދު ވިދާޅުވީ، ރާބިތާ އިން މިފަދަ އެހެން ވޯކްޝޮޕް ތައް ބާއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ދެން ވޯކްޝޮޕް ބާއްވާނީ އަތޮޅު ތެރޭގައި ކަމަށެވެ.
އިމާމުންނާއި އިލްމުވެރިން މެދުވެރިކޮށް ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރާނެ ގޮތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ވޯކްޝޯޕްގައި މާލެ އާއި އަތޮޅު ތެރެއިން 60 އަށް ވުރެ ގިނަ އިމާމުން ވަނީ ބައިވެރިވެފަ އެވެ.
ދިވެހި އިމާމުންނާއި އިލްމުވެރިންނަށް ބޭއްވި ވޯކްޝޮޕްގެ ބައިވެރިން -- ސަން ފޮޓޯ: އަލީ ނަސީރު
ވޯކްޝޮޕްގައި ކިޔަވައިދެއްވީ ރާބިތާގެ ތަޖުރިބާކާރު ލެކްޗަރާ އިން ކަމަށްވާ، ޑރ. އަލީ އައްޒުބްނު އަދި ޑރ. އަލީ އަންނަހާރީ އެވެ. ވޯކްޝޮޕް މޮނިޓަރކޮށް ބަލަހައްޓަވާފައި ވާނީ އުސްތާޛް އާދިލް ބިޝްރު އެވެ.