14 Jan 2016, 14:56
ސްވިމިން އެސޯސިއޭޝަންގެ ޑިވެލޮޕްމެންޓް ޕާޓަނަރަކަށް ދިރާގު ހަމަޖައްސައި އެކުންފުންޏާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ސްވިމިން އެސޯސިއޭޝަނުން ދިރާގާއެކުވި އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.
މި އެއްބަސްވުމާ ބެހޭގޮތުން ސްވިމިން އެސޯސިއޭޝަންގެ ނައިބުރައީސް ޢިސްމާޢީލް ޢަލީ، 'ސަން'އަށް ވިދާޅުވީ، ދިރާގާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ސްވިމިންގ އެސޯސިއޭޝަނުން ހިންގާ މުބާރާތްތަކުގައި ދިރާގުގެ ސްޕޮންސާ ލިބި ދިރާގާ ގުޅުން ހުރި ކަންކަމުގައި އެ އެސޯސިއޭޝްންގެ މަސައްކަތްތަކުގައި އެކުންފުނިން އެހީތެރެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިގޮތުން އިންޓަނެޓް ވަސީލަތްތަކާއި އެކަމާ ގުޅޭ މެއިންޓެނެންސް ބައިތައް ދިރާގުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުމުން އެކަންކަމަށް އެސޯސިއޭޝަންގެ ބަޖެޓުން ކަނޑައެޅިފައިވާ ފައިސާ، ފެތުންތެރިންގެ ސްކިލް ޑިވެލޮޕްމެންޓަށާއި ޓްރޭނިންގް ޕްރޮގްރާމްތަކަށް އެފައިސާ ހޭދަ ކުރޭވޭނެ ކަމަށެވެ.
"ދިރާގުން އަޅުގަނޑުމެންނަށް އެހީތެރިވެދޭނެ އެކުންފުނިން ދެމުން ގެންދާ ޚިދުމަތްތަކުގެ ދާއިރާތަކުން. މިސާލަކަށް އިންޓަނެޓާއި އެހެނިހެން މުއާސަލާތީ ޚިދުމަތްތަކުގައި. އަދި އެކަމާ ގުޅުންހުރި މެއިންޓެނެންސް ބެލެހެއްޓުމަށް ދިރާގުން އެހީތެރިވާނެ. އޭރުން އަޅުގަނޑުމެންގެ ބަޖެޓްގައި އެކަންކަކަމަށް ކަނޑައެޅިފައި ހުރި ފައިސާ ބޭނުން ކުރެވޭނެ ފެތުންތެރިންގެ ހުނަރު ތަރައްޤީ ކުރުމަށާއި ޓްރޭނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް،" އިސްމާޢިލް ވިދާޅުވިއެވެ.
މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ސައިނިންގ ސެރަމަނީގައި ސްވިމިން އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މުޙައްމަދު ޢަބްދުއްސައްތާރާއި ޖެނެރަލް ސެކެޓްރީ މުޙައްމަދު ޝާރިފެވެ. ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ، އެކުންފުނީގެ ޑިރެކްޓަރ މާކެޓިންގ އަޙްމަދު މައުމޫނާއި، މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕީއާރު، މުޙައްމަދު މިރްޝާން ޙަސަންއެވެ.